ޚަބަރު
ހުއްދަ ނުނަގާ ބޭސް އެތެރެކޮށް އޮންލައިން ޕޭޖްތަކުން ވިއްކާ މައްސަލައެއް ބަލަންފަށައިފި
މާލޭގެ ބޭސްފިހާރަތަކެއް
ހުއްދަ ނުނަގައި ބޭސް އެތެރެކޮށް، އޮންލައިން ޕޭޖްތަކުގައި އިޝްތިހާރުކޮށްގެން ވިއްކަމުންދާ މައްސަލައެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބަލަން ފަށައިފިއެވެ.
އެ އޮތޯރިޓީން ބުނީ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އެމްއެފްޑީއޭ އިން ހާމަކުރި ގޮތުގައި، ވިޔަފާރީގެ އުސޫލުން ރާއްޖެއަށް ބޭސް އިމްޕޯޓްކޮށް ވިއްކޭނީ ބޭހާ ބެހޭ ގަވާއިދުގެ ދަށުން އެ އޮތޯރިޓީގައި ރަޖިސްޓްރީވެ، ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި އިމްޕޯޓްކުރާ ހުރިހާ ބޭހަކީ ވެސް ރާއްޖޭގައި ވިއްކުމުގެ ހުއްދަ ދީފައިވާ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭސްތަކަށް ވާންޖެހޭނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
ނުރައްކާތެރި ބޭސްތަކެއް އޮންލައިންކޮށް އިޝްތިހާރު ކުރަނީ
މިހާރަކަށް އައިސް ބައެއް އޮންލައިން ޕޭޖްތަކުން ތަފާތު ބޭސްތައް އިޝްތިހާރު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ. "ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭނުންކުރާ ސެމަގުލުޓައިޑް އަކީ ބަރުދަން ލުއިކުރާ ބޭހެއް ކަމަށާއި ހަމުގެ މައްސަލަތަކުގައި ބޭނުންކުރާ އެޒޭލެކް އެސިޑަކީ މޫނުގެ ހަންގަނޑު ރީތިކޮށް އަލިކުރާ ބޭހެއް ކަމަށް ބުނެ އޮންލައިން ޕޭޖްތަކުގައި އިޝްތިހާރުކޮށް ވިއްކަމުން ގެންދާކަން ވަނީ ފާހަގަކުރެވިފައި،" އެ އޮތޯރިޓީން ވިދާޅުވިއެވެ.
އެ އޮތޯރިޓީން އިތުރަށް ބުނީ، މިފަދަ ބޭސްތަކަކީ ހާއްސަ ބަލިތަކުގެ ޑޮކްޓަރުން ލިޔެދިނުމުން ނޫނީ ބޭނުންކޮށްގެންވާނެ ބޭސްތަކެއް ނޫން ކަމަށެވެ. އަދި ފާމަސީތަކުން ވެސް މިފަދަ ބޭސްތައް ދޫކުރަން ޖެހޭނީ ސައްހަ ބޭސް ސިޓީއަކަށް ކަމަށް އެމްއެފްޑީއޭ އިން ހަނދާންކޮށްދީފައިވެއެވެ.
ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދާ ނުލައި މިފަދަ ބޭސްތައް ބޭނުންކުރުމަކީ ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް އެމްއެފްޑީއޭ އިން ވަނީ އިންޒާރު ދީފައެވެ. އެހެންކަމުން، ހުއްދަ ނުނަގައި ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކާ މެދު ބޭހާ ބެހޭ ގަވާއިދުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.