Ads by Stelco

ޚަބަރު

ރިޓަޔަރކުރުމަށްފަހު ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އެކަން އެންގުމަށް ޕެންޝަން އޮފީހުން އިލްތިމާސްކޮށްފި

ރިޓަޔަރކުރުމަށްފަހު ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އެކަން އެންގުމަށް ޕެންޝަން އޮފީހުން އިލްތިމާސްކޮށްފި

ވެލާނާގެ ފޮޓޯ: ސަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖެނުއަރީ 2026، 07:13

19 ޖެނުއަރީ 2026، 07:13

ވަޒީފާއިން ރިޓަޔަރކުރުމަށްފަހު އަލުން ދައުލަތުގެ ވަޒީފާއެއް އަދާކުރާ ފަރާތްތަކުން އެކަން އެންގުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިއަދު އެދިއްޖެއެވެ.

ޕެންޝަން އޮފީހުން މިފަދައިން އެދިފައިވަނީ، ސިފައިންނާއި ފުލުހުންގެ އިތުރުން ދިވެހި ސިވިލް ސަރވިސްގެ ރިޓަޔަރމަންޓް ގަވާއިދުތަކަށް ގެނައި އިޞްލާޙުތަކާ ގުޅިގެންނެވެ. ޑިސެންބަރު 2025 ގައި ގެނެވުނު މި އިޞްލާޙުތަކުގެ ދަށުން، ރިޓަޔަރމަންޓް ޢިނާޔަތް ލިބޭ ގޮތަށް ވަޒީފާއަކުން ވަކިވެފައިވާ ފަރާތެއް، އަލުން ދައުލަތުގެ މަގާމަކަށް އިންތިޚާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާނަމަ، އެ މުއްދަތުގައި ރިޓަޔަރމަންޓް ޢިނާޔަތް ދިނުން މެދުކަނޑާލެވޭނެއެވެ.

މި ބަދަލާއެކު، ރިޓަޔަރކުރުމަށްފަހު ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރަން ފަށާފައިވާ ފަރާތްތަކަށް، މި މަހުން ފެށިގެން ރިޓަޔަރމަންޓް އިނާޔަތް ދިނުން ވަނީ މެދުކަނޑާލާފައެވެ. ޕެންޝަން އޮފީހުން ވިދާޅުވީ، މިފަދަ ފަރާތްތަކަށް އަލުން އިނާޔަތް ދޭން ފަށާނީ ފަހުން އަދާކުރި ވަޒީފާއިން ވަކިވާ މަހުގެ ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށެވެ. އެހެންކަމުން، މިހާރު ދައުލަތުގެ ވަޒީފާ އަދާކުރާ ފަރާތްތަކުން ނުވަތަ މި މަހުން ފެށިގެން ވަޒީފާއިން ވަކިވާ ފަރާތްތަކުން، ޚާއްޞަ ފޯމެއް މެދުވެރިކޮށް ނުވަތަ ލިޔުމުން އެ އޮފީހަށް އެކަން އެންގުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިޓަޔަރކުރުމުން ދިގު މުއްދަތަށް ޕެންޝަން ލިބޭ އިދާރާތަކުގެ ތެރޭގައި އެމް.އެން.ޑީ.އެފް، ފުލުހުން، ކަސްޓަމްސް، އިމިގްރޭޝަން އަދި ކަރެކްޝަންސް ފަދަ މުއައްސަސާތައް ހިމެނެއެވެ. ކުރިން މިފަދަ އިދާރާތަކުން ރިޓަޔަރކުރުމަށްފަހު އިންތިޚާބީ މަޤާމުތަކަށް އަންނަ ފަރާތްތަކަށް މުސާރައިގެ އިތުރުން ޕެންޝަން ޢިނާޔަތްވެސް ލިބެމުން ދިޔައެވެ.

މި އުޞޫލަށް ބަދަލު ގެނެސްފައިވަނީ، ރިޓަޔަރކޮށްފައިވާ ބޭފުޅުން ބޮޑެތި މުސާރަ ލިބޭ މަޤާމުތަކުގައި ތިއްބަވާއިރު، އިތުރު ޢިނާޔަތެއްގެ ގޮތުގައި ޕެންޝަން ލިބޭތީ އާންމުންގެ މެދުގައި އޮތް ކަންބޮޑުވުންތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެންނެވެ. ރައީސް މުޢިއްޒު ވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި އިންޞާފުވެރި ނިޒާމެއް ޤާއިމުކުރުމަށްޓަކައި މިފަދަ ޤަވާއިދުތަކަށް ބަދަލު ގެންނަވާނެކަން ކުރިން އިޢުލާން ކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450