ޚަބަރު
އުތުރާއި މާލެ ސަރަހައްދުގެ ވައި ނުރައްކާ މިންވަރަކަށް ނުސާފުވެއްޖެ
ވައިނުސާފުވުމުން ނުރައްކާ ކުރިމަތިވޭ ފޮޓޯ: އިންޓަނެޓް
މާލެ އާއި ރާއްޖޭގެ އުތުރުގެ ރަށްތަކުގެ ވައި ނުރައްކާ މިންވަރަކަށް ނުސާފުވެ، ކުރިއަށް އޮތް ފަސް ދުވަހުވެސް މި ހާލަތު ދެމިއޮންނާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މިއަދުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވަރަށް ބޮޑަށް ވައި ނުސާފުވާނެ ކަމަށް ލަފާކުރެވޭއިރު، ދުނިޔޭގެ ވައިގެ ފެންވަރު ބަލާ "އައިކިއުއެއާ" އިން ދައްކާ ގޮތުގައި މިއަދު މާލޭގެ ވައިގެ ކޮލިޓީ ހުރީ 111 ގައެވެ. މާލޭގެ ވައިގައި ހިރަފުހާއި ދުމާއި ކުނޑި ހުރި މިންވަރު ކޮންމެ ކިއުބިކް މީޓަރަކަށް 39.8 މައިކްރޯގްރާމުގައި ހުރިއިރު، މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ އަށް ގުނަ އިތުރު އަދަދެކެވެ.
މެޓް އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ދުންފުނީގެ އަސަރު ކުރާނެ ކަމަށެވެ. ޚާއްޞަކޮށް ރާއްޖޭގެ އުތުރާއި މާލެ އަތޮޅުގެ ރަށްތަކަށް މި އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކުގައިވެސް ވައި ނުސާފުވާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވި ގޮތުގައި، މި ދުވަސްވަރު މާލޭގެ ވައި ނުސާފުވުން އެއް މިންގަނޑެއްގައި ހިފަހައްޓާނެއެވެ. އަދި ވައި ނުސާފުވުމުގެ ސަބަބުން މާލެ ސަރަހައްދުގައި ދުރު ފެންނަ މިންވަރު ތިން ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރިއެވެ.
ވައިގެ ކޮލިޓީ 101 އާއި 150 އާ ދެމެދު ހުންނަނަމަ، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށާއި އާންމުންނަށް ސިއްހީ ނުރައްކާ އޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. މިހާރު ވައި ނުސާފުވެފައިވާ މިންވަރަކީ ސިއްހަތަށް ނުރައްކާވާ މިންވަރެއް ކަމަށްވާއިރު، ޚާއްޞަކޮށް ނޭވާލާ ނިޒާމާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން މާބަނޑު މީހުންނަށް މިކަމުގެ ނުރައްކާ ބޮޑެވެ.
އެހެންކަމުން، ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނިކުންނައިރު އެން.95 (N95) މާސްކް ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.