ޚަބަރު
ޓެކްސް ދެއްކުމުގައި މަކަރުހެދި ދެ ކުންފުންޏަކަށް ދައުވާ ކުރުމަށް ފޮނުވައިފި
ޕީޖީ އޮފީސް
ކޯވިޑް-19ގެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީ.ސީ.އާރު ޓެސްޓިންގެ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުންޏަކުން ޓެކުހަށް މަކަރު ހަދާފައިވާކަމުގެ ތުހުމަތުގައި ދައުވާކޮށްދިނުމަށް އެދި މޯލްޑިވްސް އިންލޭންޑް އެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.
މީރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. މި ދެ ކުންފުނިން މީރާއަށް ހުށަހަޅާފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި، ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.
މީރާއިން ހާމަކުރި ގޮތުގައި، 2020 އިން 2022 އަށް އައިލެންޑް ހެލްތް ސޮލިއުޝަންސް އިން ހިންގާ "ޕާލް މެޑިކަލް ސެންޓަރ" މެދުވެރިކޮށް ޚިދުމަތްތައް ދީފައިވީނަމަވެސް، އެ ޚިދުމަތްތަކުން ލިބުނު ފުރިހަމަ އާމްދަނީ ރިޕޯޓުކޮށްފައެއް ނުވެއެވެ. އެގޮތުން އެ ކުންފުނިން 31.9 މިލިޔަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ އުނިކޮށްފައިވާކަން ވަނީ ފާހަގަވެފައެވެ.
ހަމައެއާއެކު، ޕީ.ސީ.އާރު ޓެސްޓިންގގެ ޚިދުމަތް އެންމެ ފުޅާކޮށް ދިން އެއް ކުންފުނި ކަމަށްވާ ޕައިނިއަރ މޯލްޑިވްސް އިން 2020 އަދި 2021 ވަނަ އަހަރު ލިބުނު އާމްދަނީގެ ތެރެއިން 102.7 މިލިޔަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ މާލީ ހިސާބުތަކުގައި ހިމަނާފައި ނުވާކަމަށް މީރާއިން ވިދާޅުވިއެވެ.
މި މައްސަލައިގެ ތަހުގީގަށްފަހު ހިންގި އޮޑިޓުތަކުން ދައްކާގޮތުގައި، އައިލެންޑް ހެލްތް ސޮލިއުޝަންސް އިން 4.3 މިލިޔަން ރުފިޔާ އަދި ޕައިނިއަރ މޯލްޑިވްސް އިން 23.7 މިލިޔަން ރުފިޔާ އިތުރަށް ޓެކުހުގެ ގޮތުގައި ދައްކަންޖެހެއެވެ. މީރާއިން ވަނީ މި ފައިސާ ދެއްކުމަށް އެ ކުންފުނިތަކަށް އަންގާފައެވެ.
މި މައްސަލައިގައި ކުންފުނިތަކުގެ އިތުރުން، އިސްކޮށް އުޅުއްވި ޑިރެކްޓަރުން ކަމަށްވާ ޑރ. އިކްލީލް ޝަރީފް އަދި ޑރ. ޢަލީ ޢަބްދުﷲ ލަޠީފްގެ މައްޗަށް ދައުވާކޮށްދިނުމަށް ވަނީ އެދިފައެވެ. މީގެއިތުރުން، އެނގިހުރެ ސައްހަނޫން މައުލޫމާތު ހިމަނައިގެން މާލީ ހިސާބުތައް ތައްޔާރުކޮށްދިން ކަމުގެ ތުހުމަތުގައި ޢަލީ ފަޔާޟްގެ މައްޗަށް ދައުވާކޮށްދިނުމަށްވެސް މީރާއިން ވަނީ ޕީޖީ އޮފީހުގައި އެދިފައެވެ.