ދުނިޔެ
ފަލަސްތީނުގެ ކާނާ އިޒްރާއީލުގެ އެއްޗެއްގެ ގޮތުގައި އިޝްތިހާރުކުރި 'ބޯކަރ ޓޯވް' ރެސްޓޯރަންޓްތައް ބޮއިކޮޓް ކުރުމުގެ ސަބަބުން ބަންދުކޮށްފި
'ބޯކަރ ޓޯވް' ރެސްޓޯރަންޓެއް
ފަލަސްތީނުގެ ސަގާފީ ކާނާ އިސްރާއީލުގެ އުފެއްދުންތަކެއްގެ ގޮތުގައި މާކެޓްކުރަމުންދިޔަ އިޒްރާއީލުގެ ރެސްޓޯރަންޓް ޗެއިން 'ބޯކަރ ޓޯވް' ގެ ބެލްޖިއަމްގައި ހުރި އެންމެ ފަހު ގޯޅިވެސް ބަންދުކޮށް، އެ ކުންފުނި ބަނގުރޫޓުވެއްޖެއެވެ.
މި ނިންމުން އައިސްފައިވަނީ ޣައްޒާގައި އިޒްރާއީލުން ހިންގަމުންދާ ޤަތުލުއާންމާ ގުޅިގެން އެ ކުންފުންޏާ ދެކޮޅަށް ފެށި ވަރުގަދަ ބޮއިކޮޓް ކެމްޕޭންތަކަކަށް ފަހުގައެވެ.
އެންޓްވާޕްގައި ހުރި މި ޗެއިންގެ އެންމެ ފަހު ރެސްޓޯރަންޓް ބަންދުކުރުމާއެކު، ބެލްޖިއަމްގައި އެ ބްރޭންޑުން ހިންގަމުންދިޔަ ހަރަކާތްތައް މިވަނީ ނިމުމަކަށް އައިސްފައެވެ. ޣައްޒާގެ އާންމުންނާ ދެކޮޅަށް އިޒްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކަށް އެ ކުންފުނިން ފާޅުގައި ތާއީދުކުރުމާ ގުޅިގެން، އާންމުންގެ ބޮޑެތި އިހުތިޖާޖުތަކަކާއި އޮންލައިން ކެމްޕޭންތަކެއް އެ ކުންފުންޏާ ދެކޮޅަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.
2020 ވަނަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ފެށި މި ރެސްޓޯރަންޓް ޗެއިން، އެންމެ ކުރިއެރުނު ދުވަސްވަރު ބެލްޖިއަމްގެ އެންޓްވާޕް، ގެންޓް އަދި ބްރަސަލްސްގައި ހަތަރު ބްރާންޗެއް ހިންގިއެވެ. މި ރެސްޓޯރަންޓްތަކުން ފަލަސްތީނުގެ މަޝްހޫރު ކާނާގެ ބާވަތްތައް ކަމަށްވާ ހުމޫސް، ފަލާފެލް، ޝަކްޝޫކާ، ޝަވަރުމާ އަދި ކުނާފާ ވިއްކަމުން ދިޔައީ އެއީ އިޒްރާއީލުގެ އަމިއްލަ ކާނާގެ ގޮތުގައި ދައްކައިގެންނެވެ.
ޣައްޒާގެ ހަނގުރާމައިގެ ތެރޭގައި، އިޒްރާއީލު ސިފައިން ހޮސްޕިޓަލްތަކަށާއި ރެފިއުޖީ ކޭމްޕްތަކަށް ހަމަލާދެމުން ދިޔައިރު، މި ރެސްޓޯރަންޓުން ވަނީ ސޯޝަލް މީޑިއާގައި އިޒްރާއީލު ސިފައިންނަށް ތާއީދުކޮށް ގިނަ ޕޯސްޓްތަކެއް ކޮށްފައެވެ. މިކަމުގެ ސަބަބުން އާންމުންގެ ނުރުހުން އަމާޒުވެ، ކޭޓަރިން ކޮންޓްރެކްޓްތައް އުވާލައި، ރެސްޓޯރަންޓްތަކަށް މީހުން ދިއުން ވަނީ ހުއްޓާލާފައެވެ.
ކުންފުނީގެ ވެރިން ކަމަށްވާ ޓޮމް ސާސް އަދި ޝެރަން ޕްރިންޓްޒް ބުނާ ގޮތުގައި، ރެސްޓޯރަންޓްތައް ބަންދުކުރަން ޖެހުނީ 'އެންޓި-ސެމިޓިޒަމް' ނުވަތަ ޔަހޫދީންނާ ދެކޮޅު ވިސްނުންތަކުގެ ސަބަބުންނެވެ. ނަމަވެސް، އާންމު ފިއްތުންތަކާ ގުޅިގެން ކުންފުނީގެ ނަން ބަދަލުކޮށް، އިޒްރާއީލުގެ ރަމްޒުތައް މަދުކުރަން ކުރި މަސައްކަތުންވެސް މާލީ ގެއްލުންތަކުން ސަލާމަތެއް ނުވެވުނެވެ.
މި ބޮއިކޮޓް ހަރަކާތަކީ ބެލްޖިއަމްގައި ފުޅާވަމުންދާ ހަރަކާތެއްގެ ބައެކެވެ. އެގޮތުން 300 އަށްވުރެ ގިނަ ސަގާފީ އިދާރާތަކާއި 875 އަށްވުރެ ގިނަ ފަންނާނުން ވަނީ އިޒްރާއީލުގެ އިދާރާތަކާ ދެކޮޅަށް ބޮއިކޮޓް ކުރުމަށް ގޮވާލާފައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި 'ބޯކަރ ޓޯވް' ބަންދުވުމަކީ ފަލަސްތީނުގެ ސަގާފަތް ފޭރުމާއި ސިޔާސީ ގޮތުން ގޯސް ނިންމުންތަކެއް ނިންމުމުގެ ނަތީޖާއެވެ.