ދުނިޔެ
ކާބުލްގެ ޗައިނާ ރެސްޓޯރެންޓަކަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން އުފުލައިފި
އަފްޣާނިސްތާނުގެ ޗަައިނާ ރެސްޓޯރެންޓަކަށް ހަމަލާދިނުން
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ޗައިނާ ރެސްޓޯރެންޓެއްގައި އެއްޗެއް ގޮއްވާލައި، މަދުވެގެން ހަތް މީހުން މަރާލި ހަމަލާގެ ޒިންމާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައިއެސް (އައިސިސް) އިން އުފުލައިފިއެވެ.
އައިއެސްގެ އާމާގް ނިއުސް އެޖެންސީ މެދުވެރިކޮށް ހޯމަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖާނުން ފިދާވެގެން ހަމަލާދިން މީހަކު ޗައިނާގެ ރައްޔިތުން އާންމުކޮށް ގޮސް އުޅޭ ރެސްޓޯރެންޓަކަށް ވަދެ، އޭނާގެ ހަށިގަނޑުގައި ހަރުކޮށްފައިވާ ގޮވާތަކެތި ގޮއްވާލާފައިވާ ކަމަށެވެ. މި ހަމަލާގައި ތާލިބާނުންގެ ގާޑުން ހިމެނޭހެން 25 މީހުން މަރުވެ ނުވަތަ ޒަޚަމްވި ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ. އައިއެސްއިން ބުނި ގޮތުގައި މި ހަމަލާއަކީ "ޗައިނާ ސަރުކާރުން އުއިގޫރު މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ" ގުޅިގެން ދިން ހަމަލާއެކެވެ.
އަފްޣާނިސްތާނުގެ ދާޚިލީ ވާއިޒާރާގެ ތަރުޖަމާނު މުފްތީ އަބްދުލް މަތީން ގާނީ އަންގާރަ ދުވަހު ވިދާޅުވީ، ޝަހްރޭ ނައު ސަރަހައްދުގައި ހުންނަ 'ޗައިނާ ނޫޑްލް' ރެސްޓޯރެންޓުގައި އެއްޗެއް ގޮވީ ކީއްވެގެންކަން އަދި ކަށަވަރު ނުވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ފުލުހުންގެ ތަރުޖަމާނު ޚާލިދު ޒަދްރާން ވިދާޅުވި ގޮތުގައި މި ހަމަލާގައި މަރުވީ ޗައިނާގެ ރައްޔިތަކާއި އަފްޣާނިސްތާނުގެ ހަ މީހުންނެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ގުއޯ ޖިއާކުން ވިދާޅުވީ މި ހަމަލާގައި ޗައިނާގެ ފަސް މީހަކު ޒަޚަމްވެފައިވާ ކަމަށެވެ. އަދި ޒަޚަމްވި މީހުންނަށް ފަރުވާ ދިނުމުގައި އެއްވެސް މަސައްކަތެއް ދޫނުކުރުމަށާއި، އަފްޣާނިސްތާނުގައި ތިބި ޗައިނާގެ ރައްޔިތުންނާއި އިންވެސްޓްމަންޓްތައް ރައްކާތެރިކުރުމަށް ފިޔަވަޅު އެޅުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވި ފަހުން ޗައިނާގެ ވިޔަފާރިވެރިން އެ ގައުމަށް ޒިޔާރަތްކުރުން ވަނީ އިތުރުވެފައެވެ. ނަމަވެސް، އުއިގޫރު މުސްލިމުންނާ މެދު ޗައިނާއިން އަމަލުކުރާ ގޮތުގެ ސަބަބުން ހަނގުރާމަވެރި ޖަމާއަތްތަކުގެ އަމާޒަކަށް ޗައިނާގެ ރައްޔިތުން ވަނީ ވެފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ޗައިނާއަށް ކުރާ ތުހުމަތުތައް އެ ގައުމުން އަބަދުވެސް ދޮގުކުރެއެވެ.
އަފްޣާނިސްތާނުގައި ސަލާމަތީ ކަންކަން ވަރުގަދަކުރާނެ ކަމަށް ތާލިބާނުން ވައުދުވެފައިވީ ނަމަވެސް، އެ ގައުމުގައި ބޮން ގޮއްވުމުގެ ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ. މީގެ ތެރެއިން ގިނަ ހަމަލާތަކުގެ ޒިންމާ އުފުލަނީ އައިއެސްގެ ގޮފިތަކުންނެވެ.