Ads by Stelco

ޚަބަރު

ޗާގޯސް ލިބުން އެންމެ ހައްގީ ރާއްޖެއަށް: ރައީސް މުޢިއްޒު

ޗާގޯސް ލިބުން އެންމެ ހައްގީ ރާއްޖެއަށް: ރައީސް މުޢިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ޖުލައި މަހު ޔޫކޭގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޑޭވިޑް ލެމީއާ ބައްދަލުކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޖެނުއަރީ 2026، 11:37

21 ޖެނުއަރީ 2026، 11:37

ހުލާސާ


ޗާގޯސް އައިލޭންޑްސް ނުވަތަ ފޯޅަވަހި ލިބުން އެންމެ ހައްގީ ދިވެހިރާއްޖެއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަނެއްކާ ވެސް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "އެކްސްޕްރެސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

ރައީސް ވިދާޅުވީ އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޯސް ދޫކޮށްލާތީ ރާއްޖޭން ދެކޭ ގޮތް ހާމަކޮށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމަށާއި، އެކަމާ ގުޅޭ މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށެވެ.

"ޗާގޯސް ދޭންޖެހޭނީ ރާއްޖެއަށް ކަމަށް ރާއްޖޭން ގަބޫލުކުރާކަން އިނގިރޭސި ސަރުކާރަށް ރަސްމީކޮށް އަންގައި އެގޮތަށް ރާއްޖޭން ދެކޭ ސަބަބުތައް ވެސް ހާމަކޮށްފައިވާނެ. މިކަން އިނގިރޭސި ސަރުކާރުގެ ސަމާލުކަމަށް ވަނީ ގެނެސްފައި. ޗާގޯސް އަކީ ތާރީހީ ގޮތުން ރާއްޖެއާ ގުޅުންތަކެއް އޮތް ތަނެއް،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޯސްގެ ރަށްތަކާ ރާއްޖެއާ ތާރީހީ ގުޅުންތަކެއްވާ ކަމަށާއި، އެއީ ދިވެހިން ކިޔާ ގޮތުން ނަމަ ފޯޅަވަހި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކަމާ ގުޅޭ ހެކިތައް ލިޔެކިޔުންތަކުން ފެންނަން ހުރުމުން، އެހެން އެއްވެސް ގައުމަކަށް ވުރެ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. މި މައްސަލައިގައި އިނގިރޭސި ސަރުކާރާ އެކު ކުރެވުނު މަޝްވަރާތަކުގެ ތަފްސީލެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކަނޑުގެ ސަރަހައްދުގެ މައްސަލަ
ޗާގޯސް މޮރިޝަސްގެ ބައެއްގެ ގޮތުގައި ކަނޑައެޅުމާ އެކު، ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށޫއަރާ މައްސަލަ ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނެވެ. އެ ޓްރައިބިއުނަލުން ނިންމީ ފުށޫއަރާ ސަރަހައްދު ދެ ގައުމުގެ މެދުގައި ހަމަހަމައަށް ބައިކޮށްލުމަށެވެ. މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށް ބުނެ، ކުރީގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހުން ފެށިގެން، އދ. ގައި ހުންނަވާ އެޓާނީ ޖެނެރަލްގެ އޮފީހުގެ މުވައްޒަފު މެދުވެރިކޮށް ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޯސް ހަވާލުކުރުމުގެ ވާހަކަތައް ދެކެވުމާ ގުޅިގެން، ރާއްޖެއިން ރަސްމީކޮށް ސިޓީއެއް ފޮނުވައި އެ ސަރަހައްދު ހޯދުމަށް އެދިފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފޯޅަވައްސަކީ 1814 އިން ފެށިގެން އިނގިރޭސީންގެ ދަށުގައި އޮތް ތަނެކެވެ. 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ވަނީ އިނގިރޭސިވިލާތުން އެ އަތޮޅު އަނބުރާ މޮރިޝަސްއަށް ދޭން ޖެހޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ރާއްޖޭގެ މިހާރުގެ ސަރުކާރުން ދެކެނީ ތާރީހީ އަދި ޖިއޮގްރަފީ ގޮތުން އެ ސަރަހައްދު އެންމެ ހައްގުވަނީ ރާއްޖެއަށް ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450