ޚަބަރު
އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 20,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
ރާއްޖެއަށް ޒިޔާރާތްކުރި ފަތުުރުވެރިންތަކެއް
މިއަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 20,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، އެ ގައުމަކީ ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުގެ މަގާމު ދަމަހައްޓައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް މިހާރު އެންމެ ބޮޑު ހިއްސާއެއް ކުރަނީ ރަޝިއާގެ ފަތުރުވެރިންނެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ޑެއިލީ އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން ރާއްޖެއަށް 20,529 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ގައުމުން ޒިޔާރަތްކުރި 15,614 ފަތުރުވެރިންނާ އަޅާބަލާއިރު 23.9 އިންސައްތަ އިތުރު އަދަދެކެވެ. ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ 15 އިންސައްތަ ހިއްސާކުރަނީ ރަޝިއާ މާކެޓުންނެވެ.
އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތައް
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އިޓަލީވިލާތުންނެވެ. އެ ގައުމުން ރާއްޖެއަށް 15,273 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 11,792 ފަތުރުވެރިންނާއެކު ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. މީގެ އިތުރުން، ޗައިނާ މާކެޓަށް ވެސް ބޮޑު ކުރިއެރުމެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.
ޗައިނާއަކީ މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމު ކަމުގައިވީ ނަމަވެސް، މިއަހަރުގެ ފުރަތަމަ ދެ ހަފުތާ ނިމުނުއިރު އެ ގައުމު އޮތީ ލިސްޓުގެ ހަވަނައިގައެވެ. އެހެންނަމަވެސް، މިހާރު އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ގޮސް، 9,366 ފަތުރުވެރިންނާއެކު ޗައިނާ މިހާރު އޮތީ ލިސްޓުގެ ހަތަރުވަނައިގައެވެ.
ޖުމްލަ ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަމަށް ބަލާއިރު، އަހަރުގެ މިހާތަނަށް 135,555 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 125,339 ފަތުރުވެރިންނާ އަޅާބަލާއިރު 8.2 އިންސައްތަ އިތުރު އަދަދެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7,134 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.