Ads by Stelco

ޚަބަރު

ދިވެހި ކޮންޓެންޓް ކްރިއޭޓަރުންނަށް ޓިކްޓޮކުން އާމްދަނީ ހޯދޭނެ ގޮތްތަކާމެދު މަޝްވަރާކޮށްފި

ދިވެހި ކޮންޓެންޓް ކްރިއޭޓަރުންނަށް ޓިކްޓޮކުން އާމްދަނީ ހޯދޭނެ ގޮތްތަކާމެދު މަޝްވަރާކޮށްފި

ވިޔަފާރިއާ ބެހޭ ވަޒީރު ޓިކްޓޮކްގެ ވެރިންނާ ބައްދަލުކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޖެނުއަރީ 2026، 04:04

21 ޖެނުއަރީ 2026، 04:04

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު، ޓިކްޓޮކްގެ އިސްވެރިންނާއެކު މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.

 މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ސްވިޒަލޭންޑުގެ ދާވޯސްގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) ގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ސައީދު މަޝްވަރާކުރެއްވީ ޓިކްޓޮކްގެ މެޓަޕްސާ ސަރަހައްދުގެ ގަވަރމަންޓް ރިލޭޝަންސް އެންޑް ޕަބްލިކް ޕޮލިސީގެ އިސްވެރިޔާ އެމީރު ގެލެންއާއެވެ. އިޤްތިޞާދީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ދިވެހި ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ ނުވަތަ މޮނަޓައިޒް ކުރެވޭނެ ފުރުސަތުތައް ރާއްޖޭގައި ފަހިކޮށްދިނުމެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކާ އެއްގޮތަށް، ދިވެހި ޒުވާނުންނާއި އުފެއްދުންތެރިންނަށް ޑިޖިޓަލް ޕްލެޓްފޯމްތަކުން މަންފާ ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ ކުރިންވެސް ޓިކްޓޮކްގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް، މިކަމާ ގުޅޭ ގޮތުން އިޤްތިޞާދީ ވުޒާރާއާއެކު ވަނީ މަޝްވަރާތަކެއް ބާއްވާފައެވެ.

ވަޒީރު ސަޢީދު ވިދާޅުވީ މިފަދަ ބައިނަލްއަޤުވާމީ ޕްލެޓްފޯމްތަކާއެކު ގާއިމުކުރެވޭ ގުޅުންތަކުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް ދުނިޔޭގެ ބާޒާރުގައި ފުރުސަތުތައް ފަހިވެ، އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތަނުގައިވެސް ޓިކްޓޮކާއެކު ގާތް ގުޅުމެއް ބާއްވައި، އަމަލީ ނަތީޖާއަކާ ހަމައަށް ދިއުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޓިކްޓޮކުން ރާއްޖެއަށް އެންމެ ފައިދާހުރިގޮތް ހޯދުމަށްޓަކައި އެ ކުންފުނީގެ ރީޖަނަލް އޮފީސްތަކާވެސް ވާހަކަދައްކަން ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަން ހާސިލުކުރުމުގައި ޗައިނާ ސަރުކާރުގެ އެހީތެރިކަމަށްވެސް މިހާރު އެދިފައިވާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މީގެކުރިން ވަނީ ހާމަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450