ޚަބަރު
އައިންތު މިސް ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
އާމިނަތު ޙަސަން ފޮޓޯ: އިންޓަނެޓް
ދިވެހިބަސް އުނގަންނައިދިނުމާއި ބަސް ކުރިއެރުވުމުގެ ދާއިރާގައި ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އާމިނަތު ޙަސަން (އައިންތު މިސް) ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އައިންތު މިސް ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިއަދު ހެނދުނުގެ ވަގުތެއްގައި އައި.ޖީ.އެމް.އެޗް ގައެވެ. ނިޔާވިއިރު އުމުރުފުޅަކީ 58 އަހަރެވެ.
މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މެސެޖެއްގައި، މަރްޙޫމާގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ. އަދި ތަޢުލީމީ ދާއިރާއާއި، ބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ރައީސް ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. ރައީސްގެ މެސެޖުގައި، މަރްޙޫމާ އާމިނަތު ޙަސަނަށް މާތްﷲގެ ތަނަވަސް ރަޙްމަތް މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރައްވާފައިވެއެވެ.
އައިންތު މިސްއަކީ ދިވެހި ބަސް އުނގަންނައިދިނުމުގެ ދާއިރާގައި 34 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ތެރެއިން ވޭތުވެދިޔަ 23 އަހަރު އޭނާ ހޭދަކުރެއްވީ އަމީނިއްޔާ ސްކޫލްގައެވެ. އަމީނިއްޔާ ސްކޫލްގެ ޓީޗަރެއްގެ އިތުރުން އޭނާ ވަނީ އެ ސްކޫލްގެ ލީޑިންގ ޓީޗަރުގެ މަޤާމުވެސް ފުރުއްވާފައެވެ.
ތަޢުލީމީ ދާއިރާގެ އިތުރުން އައިންތު މިސް ވަނީ ދައުލަތުގެ މުހިންމު އެކި މަޤާމުތަކެއްވެސް ފުރުއްވާފައެވެ. އެގޮތުން މީޑިއާ ކައުންސިލްގެ މެންބަރުކަމާއި، އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރުކަން އޭނާ ވަނީ ކުރައްވާފައެވެ.
އައިންތު މިސްއާ އެކު މަސައްކަތް ކުރެއްވި ބޭފުޅުންނާއި ދަންނަ ފަރާތްތަކުން އޭނާ ސިފަކުރައްވަނީ އެންމެންނާވެސް ގުޅޭ، ވަރަށް ހިތްހެޔޮ ބޭފުޅެއްގެ ގޮތުގައެވެ. އަދި އޭނާއަކީ ދިވެހި ބަހަށް ނުހަނު ލޯބިކުރެއްވި، ބަހުގެ މާހިރުންގެ އިޙްތިރާމް ހޯއްދަވާފައިވާ ކަނބަލެކެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) January 22, 2026
ދިވެހިބަސް އުނގަންނައި ދެއްވުމާއި ބަސް ކުރިއެރުވުމުގައި ދިގު މުއްދަތަކު ޚިދުމަތް ކޮށްދެއްވި އާމިނަތު ޙަސަން (އައިންތު މިސް) އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް، އަދި ތަޢުލީމާއި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރައްވާ… pic.twitter.com/6KY20Bcbap