ޚަބަރު
މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީގެ މައްޗަށް ސާބިތުނުވި ދައުވާތައް އިސްތިއުނާފުކުރަނީ
މޯލްޑިވް ގޭހުގެ ކުރީގެ ނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ މައުމޫނު
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ މައުމޫނުގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރެއިން ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި 5 ދައުވާއެއް އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ނިންމައިފިއެވެ.
މި މައްސަލައަކީ މައުމޫން އެ މަގާމުގައި ހުރި ދުވަސްވަރު ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް ހޯދުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ހިފާފައިވާ ކަމަށް ބުނާ މައްސަލައެކެވެ.
ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، ޢަބްދުﷲ މައުމޫންގެ މައްޗަށް ޖުމްލަ 7 ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް ހުށަހެޅީ 2024 އޭޕްރިލް 18 ގައެވެ. މީގެ ތެރޭގައި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގެ އިތުރުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ކުށެއް ކުރަން އުޅުމާއި، ރޭވުމުގެ ދައުވާތައް ހިމެނެއެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ މީގެ ތެރެއިން 5 ދައުވާއެއް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، 5 ދައުވާ ސާބިތުނުވާ ކަމަށް ނިންމީ ދައުލަތުން ހުށަހެޅި ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތް ކުރުމެއް ނެތި، ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން، އެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ގަސްދުކުރާ ކަމަށާއި، އެންމެ ފަހުގެ ނިންމުން ނިންމާނީ ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ލިބުމުން ކަމަށް އެ އޮފީހުން ބުންޏެވެ.
ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި، ޢަބްދުﷲ މައުމޫން ވަނީ ބޭރުގެ ކުންފުންޏަކުން ގޭސް ހޯދުމުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި 3,106,189.38 (ތިން މިލިއަން އެއްލައްކަ ހަހާސް އެއްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ތިރީސް އަށް ލާރި) ނަގާފައެވެ. އަދި މި ފައިސާ އޭނާގެ އާއިލީ ބައެއް ފަރާތްތަކާއި ގުޅުން އޮންނަ ކުންފުނިތަކަށް ޖަމާކޮށްފައިވާކަންވެސް ފާހަގަކުރެވިފައިވެއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ ސެޕްޓެމްބަރު 29 ގައި ކުރި ހުކުމުގައި، މައުމޫންގެ މައްޗަށް ރިޝްވަތު ހިފުމުގެ 2 ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ 12 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.