ދުނިޔެ

ޣައްޒާގައި އިޒްރޭލުން ދިން ސީދާ ހަމަލާއެއްގައި ތިން ނޫސްވެރިން ޝަހީދުކޮށްލައިފި

ޣައްޒާގައި އިޒްރޭލުން ދިން ސީދާ ހަމަލާއެއްގައި ތިން ނޫސްވެރިން ޝަހީދުކޮށްލައިފި

އިޒްރާއިލްގެ ހަމަލާގައި ޝަހީދުވި ނޫސްވެރިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ޖެނުއަރީ 2026، 02:49

22 ޖެނުއަރީ 2026، 02:49

ޣައްޒާގެ މެދުތެރޭގައި އިޒްރޭލުން ދިން ނުރައްކާތެރި ހަމަލާއެއްގައި، މިސްރުގެ ކޮމިޓީ ފޯ ޣައްޒާ ރިލީފްގައި މަސައްކަތް ކުރަމުންދިޔަ ފަލަސްތީނުގެ ތިން ނޫސްވެރިއަކު ޝަހީދުކޮށްލައިފިއެވެ. މި ހަމަލާ ދީފައިވަނީ އެ ކޮމިޓީގެ މަސައްކަތްތަކުގައި އެ ނޫސްވެރިން ބޭނުންކުރަމުންދިޔަ އުޅަނދަށް އަމާޒުކޮށްގެންނެވެ.

މި ހަމަލާގައި ޝަހީދުވެފައިވަނީ މުޙައްމަދު ޤިޝްތާ އާއި، ޢަބްދުއްރައޫފް ޝަޢުޘް އަދި އަނަސް ޣުނައިމް އެވެ. މީގެ ތެރެއިން ޢަބްދުއްރައޫފް ޝަޢުޘް އަކީ މީގެ މަދު ދުވަސްކޮޅެއް ކުރިން ކައިވެނިކޮށްފައިވާ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ މި ތިން ނޫސްވެރިންނަށް ހަމަލާދިނީ، އެމީހުންނަކީ އިޒްރޭލުގެ ސިފައިންގެ މަޢުލޫމާތު އެއްކުރަމުންދިޔަ ބައެއް ކަމަށް ޝައްކު ކުރެވޭތީ ކަމަށެވެ. ނަމަވެސް، ހަގީގަތުގައި އެ ނޫސްވެރިން ކުރަމުންދިޔަ މަސައްކަތަކީ ޑްރޯން ބޭނުންކޮށްގެން މިސްރުގެ އެހީދޭ ކޮމިޓީގެ މަސައްކަތްތައް ފިލްމުކުރުމެވެ.

ފޯބިޑަން ސްޓޯރީޒްގެ ރިޕޯޓަކާ ހަވާލާދީ މަޢުލޫމާތު ލިބޭގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނުގެ ނޫސްވެރިންނަށް ވައިގެ މަގުން ޣައްޒާގެ މަންޒަރުތައް ކެމެރާކުރުން ވަނީ މަނާކޮށްފައެވެ. އަދި އިޒްރޭލު ސިފައިން ދެކޭގޮތުގައި ޑްރޯން ބޭނުންކޮށްގެން މަންޒަރުތައް ނަގާ ކޮންމެ ނޫސްވެރިއަކީ ހަމަލާދޭންޖެހޭ އަމާޒެކެވެ.

އިޒްރޭލުގެ ބޯޑަރު ސިފައިންގެ މީހެއް ކަމަށްވާ މައިކަލް އޯފާ-ޒިވް ބުނިގޮތުގައި، "އަހަރެމެންނަށް ނޫން އެހެން ބަޔަކު ޑްރޯންއެއް އުދުއްސާ ތަން ފެނިއްޖެނަމަ، އެއްވެސް ސުވާލެއް ކުރުމެއްނެތި އެ ޑްރޯންއަކާއި އެ ދުއްވާ މީހަކަށް ހަމަލާދިނުމަކީ އޮންނަ އުސޫލު" ކަމަށެވެ. ނަމަވެސް، މި ތިން ނޫސްވެރިން ޝަހީދުކޮށްލި އިރު، އެމީހުން ތިބީ އެއްވެސް ކަހަލަ ހަނގުރާމައެއް ހިނގަމުންދިޔަ ސަރަހައްދެއްގައި ނޫންކަން ފާހަގަކުރެވެއެވެ.

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާއި ހަލާކުކޮށްލާފައިވާ ތަންތަން ޑްރޯން ބޭނުންކޮށްގެން ރިޕޯޓްކުރަމުންދިޔަ ނޫސްވެރިންގެ ތެރެއިން މަދުވެގެން ފަސް ނޫސްވެރިއަކު މިހާތަނަށް ވަނީ ޝަހީދުކޮށްލާފައި ނުވަތަ ބޮޑެތި އަނިޔާތަކެއް ދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450