ޚަބަރު
ފިޔޯރީގައި ކުރިއަށްދާ ''ބީފާން 2026'' ވޮލީ ބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވައިފި
މުބާރާތް ޝަރަފްވެރިކޮށްދެއްވުން/ފޮޓޯ: ރައީސް އޮފީސް
ގދ. ފިޔޯރީގައި ކުރިއަށްދާ ''ބީފާން 2026'' ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގދ. ފިޔޯރީ ވޮލީ ކޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައިވަނީ ގދ. ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދާއި، ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ގެ ރައީސް ޙުސައިން ފަޔާޒެވެ.
Vice President Uz @HucenSembe attends the closing ceremony of the Women’s Division of the Beefaan Volleyball Tournament 2026. He observed the final match and presented trophies, medals, and prizes to the champions. pic.twitter.com/EXfip8stBE
— The President's Office (@presidencymv) January 22, 2026
ރޭ ފިޔޯރީގައި ކުޅުނު މި މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލް މެޗުގައި ވާދަކޮށްފައި ވަނީ ފުވައްމުލަކުގެ އެކުވެރި ފުނާޑު ޓީމާއި، ފިޔޯރީ ވޮލީބޯޅަ ޓީމެވެ. މި މެޗު 1 ސެޓު 3 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އެކުވެރި ފުނާޑް ޓީމެވެ. މި ރަސްމިއްޔާތުގައި ''ބީފާން 2026'' ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޗެމްޕިއަން ޓީމަށް މެޑަލް އަދި ތަށި ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.
ގދ. ފިޔޯރީ ކައުންސިލް އިދާރާއިން އިސްނަގައިގެން، ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ޖަމްޢިއްޔާއިން އިންތިޒާމުކޮށް، ރާވާ ހިންގާ މި ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދުއެވެ.