Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ނ. ވެލިދޫއަށް ސީޕްލޭން ދަތުރުތައް ރަސްމީކޮށް ފަށައިފި

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ނ. ވެލިދޫއަށް ސީޕްލޭން ދަތުރުތައް ރަސްމީކޮށް ފަށައިފި

ސީޕްލޭންގެ ޚިދުމަތް ފެށުން/ފޮޓޯ: ޕީއެސްއެމް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ޖެނުއަރީ 2026، 04:37

23 ޖެނުއަރީ 2026، 04:37

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ނ. ވެލިދޫއަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ރަސްމީކޮށް ފަށައިފި އެވެ.

މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި، ވެލިދޫއަށް ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހާއި ހުކުރު ދުވަހު ޝެޑިއުލް ދަތުރުތައް އޮންނާނެއެވެ. 

ވެލިދޫއަށް ސީޕްލޭން ދަތުރުތަށް ފެށުމަށް އެރަށުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އަދި ދަތުރުފަތުރާ މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވަނީ ބައިވެރިވެވަޑައިގެންނަވާފައެވެ. އަދި މި ރަސްމިއްޔާތުގައި ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގާ އައިލޭންޑް އެވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްގެ އިތުރުން ކުންފުނީގެ އިސްވެރިންނާއި ވެލިދޫ ކައުންސިލް މެންބަރު ވަނީ ބައިވެރިވެފައެވެ.

މި ދަތުރުތަށް ފެށުމަށް ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ޤާއިމްކުރުމުގެ އިތުރުން، އެރަށުގެ ކައުންސިލް އިދާރާގައި ޗެކިން ކުރުމަށާއި، ދަތުރުވެރިން މަޑުކޮށްލައިގެން ތިބުމަށް ޚާއްޞަ ލައުންޖެއް ތައްޔާރުކޮށްފައިވާކަމަށް ޤައުމީ އެއަރލައިނުން މަޢުލޫމާތުދެއެވެ. ވެލިދޫއަށް މިއަދު ދިޔަ ފުރަތަމަ ފްލައިޓަށް މެންދުރު 13:40 ގައި ޗެކިން ފަށާފައިވާއިރު، ފުރަތަމަ ފްލައިޓު ފުރާފައިވަނީ 14:40 ހާއިރުއެވެ. މި ފްލައިޓުގައި ދިވެހިންނާއި ފަތުރުވެރިން ހިމެނޭހެން ގާތްގަނޑަކަށް 15 މީހުން ވަނީ ދަތުރުކޮށްފައެވެ.

މިމަހު ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފެށުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހު، މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވެލިދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވެލިދޫގެ ރައްޔިތުން އެދޭގޮތަށް ވިހަފަރުގައި ވައިގެބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ގޮސް ނިންމާލުމަށް ކަނޑައަޅުއްވާފައިވިޔަސް، ވެލިދޫއަށް ޚާއްޞަކޮށްގެން ސީޕްލޭން ޚިދުމަތް ފެއްޓެވުމަށް ނިންމަވާފައިވާކަމަށެވެ.

މިއީ ނ. އަތޮޅުގައި ލޯކަލް ޓުއަރިޒަމް ފުޅާކޮށް، އެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުކުރުމަށް މަގުފަހިކޮށްދީ އެފަދަ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް ކުރާ ދަތުރުތަކެއްކަމަށް މޯލްޑިވިއަނުން ވަނީ ހާމަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450