ޚަބަރު
ކަނޑުގެ މަގުން އޮންނަ ނެޓްވޯކުގެ އިތުރުން ވައިގެ މަގުން ނެޓްވޯކް އިތުރުކުރުމަކީ މުހިންމު ކަމެއް: ވަޒީރު އަމީން
ވަޒީރު އަމީން--
ކަނޑުގެ މަގުން އޮންނަ ނެޓްވޯކުގެ އިތުރުން ވައިގެ މަގުން ނެޓްވޯކް އިތުރުކުރުމަކީ މުހިންމުކަމެއްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ނ. ވެލިދޫއަށް މޯލްޑިވިއަންގެ ސީޕްލޭންގެ ދަތުރުތައް ރަސްމީކޮށް ފެށުމަށް މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެއެވެ.
ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލިދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވައުދުވެވަޑައިގެންނެވި ފަދައިން ސީޕްލޭންގެ ޚިދުމަތް މިހާރު ފެށިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން، މި ޚިދުމަތް ފެށިގެން ދިޔުމާއެކު، މިއަދަކީ ވެލިދުއާއި ފޮއްދޫގެ ރައްޔިތުންނަށް ވެސް ވަރަށް އުފާވެރި ދުވަހެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ސަރަޙައްދުގެ ލޯކަލް ޓުއަރިޒަމް ކުރިއެރުވުމާއި އުމްރާނީ ތަރައްޤީއަށްވެސް މި ކަމަކީ މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އާބާދީ ނިސްބަތަށް ބަލާއިރު މީ ވަރަށް ޚަރަދު ބޮޑުކަމެއް. އެހެންނަމަވެސް ތަރައްޤީގެ ގޮތުންނާއި ލޯކަލް ޓުއަރިޒަމް ކުރިރުވުމުގެ ގޮތުން އަދި އުމްރާނީ ގޮތުންވެސް ކުރަންޖެހޭ ކަންކަން ކުރުމުގައި ދަތުރު ފަތުރުގެ ނިޒާމަކީ މުހިންމުކަމެއް. އެގޮތުން ކަނޑުގެ މަގުން އޮންނަ ނެޓްވޯކުގެ އިތުރުން ވައިގެ މަގުން ނެޓްވޯކް އިތުރުކުރުމަކީ މުހިންމު ކަމެއް.
ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިލެންޑު އޭވިއޭޝަންއިން ގިނަ ޚިދުމަތްތަކެއް ޤާއިމްކުރަމުންދާ ކަމަށެވެ. އެގޮތުން، ވަކީން ޚާއްޞަކޮށް ރައީސްގެ އިސްނެގުމުގެ ދަށުން މިހާރުވެސް ރާއްޖޭގެ 2 ސަރަޙައްދެއްގައި ސީޕްލޭންގެ ޙިދުމަތް ދެމުންދާއިރު ވެލިދޫއަކީ 3 ވަނަ ސަރަޙައްދުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް އަންނަމަހު ތޮއްޑޫއަށްވެސް ސީޕްލޭންގެ ޚިދުމަތް ފެށިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ އަބާދީގެ ނިސްބަތަށް ބަލާއިރު ސީޕްލޭން އޮޕަރޭޝަނަކީ ޙަރަދު ބޮޑު މަސައްކަތެއްނަމަވެސް އަތޮޅުތެރޭގެ ތަރައްޤީއާއި ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށް މިއީ މުހިންމު މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.