ޚަބަރު
ހުޅުމާލޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
އޮޕަރޭޝެންގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން
ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި ބިދޭސީން އަތުލައިގަނެފައިވަނީ ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަންގެ ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން ކަމަށެވެ.
އިމިގްރޭޝަނުން ވިދާޅުވީ، ޤަވާޢިދާ ޚިލާފަށް ވިޔަފާރިތައް ހިންގާ އެފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން ހުޅުމާލޭ ފޭސް 1 ގައި ހިންގަމުންދިޔަ ކެފޭ/ ޓޭކްއަވޭ ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި ޞައްޙަ ވިސާއެއް ނެތި ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު ފާހަގަވެފައިވާކަމަށް އިމިގްރޭޝަނުން ވަނީ މަޢުލޫމާތު ދީފައެވެ. މި ތިން ބިދޭސީން ވެސް ވަނީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައެވެ.
ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައިފާސްކުރުމަށް ޓާސްކްފޯސް އިން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، އިއްޔެ ވަނީ ހުޅުމާލޭ ފޭސް 1 ގައި ކެފޭ/ ޓޭކްއަވޭ ހިންގަމުންދިޔަ ބައެއް ތަންތަން ބަލައި ފާސްކޮށް، 03 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި. pic.twitter.com/2j5vix86n5
— Maldives Immigration (@ImmigrationMV) January 23, 2026
ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާކަން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވިދާޅުވީ، ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެލިސްޓުގައި ބިދޭސީން ވިޔަފާރިކުރުން މަނާ 34 ދާއިރާއެއް ހިމަނާފައިވެއެވެ.
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯޓް ކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން (https://trade.gov.mv/report-business-dv) މެދުވެރިކޮށް، ރިޕޯޓް ކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އާއި ރޭގަނޑު 8:00 އާ ދެމެދު އެ ވުޒާރާގެ ހޮޓްލައިން ނަންބަރު 3333199އަށް ރިޕޯޓް ކުރެވޭއިރު، މައްސަލަތައް އިމިގްރޭޝަން ވޮޗްއަށްވެސް ރިޕޯޓު ކުރެވޭނެ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.