Ads by Stelco

ޚަބަރު

ހުޅުމާލެ ފޭސް ދޭއްގައި ތިން ތަނެއްގައި ރޯދަހަދިޔާ މަސްދަޅުކޭސް ބަހާނެ

ހުޅުމާލެ ފޭސް ދޭއްގައި ތިން ތަނެއްގައި ރޯދަހަދިޔާ މަސްދަޅުކޭސް ބަހާނެ

މަސްދަޅު ކޭސް ބެހުން. ފޮޓޯ: ވަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޖެނުއަރީ 2026، 11:50

24 ޖެނުއަރީ 2026، 11:50

މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސްދަޅު ކޭސްތައް ބެހުމަށް މާލެ ސަރަހައްދުގައި ޖުމުލަ 15 މަރުކަޒެއް ކަނޑައަޅައި، އޭގެ ތެރޭގައި ހުޅުމާލެ ފޭސް ދޭއްގެ ތިން ސަރަހައްދެއް ހިމަނައިފިއެވެ.

މި މަސައްކަތަކީ ގިނަ މުއައްސަސާތަކެއް ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ހަދިޔާ ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ.

މަސްދަޅު ދޫކުރާނެ މަރުކަޒުތައް
މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތަކުގެ ތެރޭގައި ހުޅުމާލެ ފޭސް ދޭއްގެ ކާމިލުދީދީ ސްކޫލް، ހިޔާޓަވަރު 10، އަދި ވިނަރެސް ފްލެޓް ސަރަހައްދު ހިމެނެއެވެ. މީގެ އިތުރުން މާލޭގެ 8 ސަރަހައްދަކުންނާއި، ހުޅުމާލެ ފޭސް އެކެއްގެ 3 ސަރަހައްދެއްގެ އިތުރުން ވިލިމާލޭގެ ވެމްކޯ ސައިޓުން މަސްދަޅު ދޫކުރާނެއެވެ.

މާލޭގައި މަސްދަޅު ދޫކުރާނީ މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯވިލު، ހެންވޭރު ބޯޅަދަނޑު، އަދި ގަލޮޅު ދަނޑުގެ 4 ސަރަހައްދަކުންނެވެ. ހުޅުމާލެ ފޭސް އެކެއްގައި ހިމެނެނީ އުމަރު ޒާހިރު ބިލްޑިންގ، ޕޮލްކޯ ޓަވަރު ތިރި، އަދި މުހައްމަދު ގާސިމް ޕްރީ ސްކޫލެވެ.

މަސްދަޅު ބެހުމުގެ ކަންކަން ތަރުތީބުކުރުމަށްޓަކައި roadhahadhiya.mv  ގެ ނަމުގައި ހާއްސަ ޕޯޓަލްއެއް ތަޢާރަފުކުރާނެއެވެ. މި ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރުމުގެ ފުރުސަތު 22 ޖަނަވަރީ 2026 ގައި ހުޅުވާލާއިރު، މަސްދަޅު ބަހައި ނިންމުމަށް ހަމަޖެހިފައިވަނީ 11 ފެބުރުވަރީ 2026 ގެ ނިޔަލަށެވެ. 

މި މަސައްކަތާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ މިއީ ގިނަ މުއައްސަސާތަކެއްގެ އެހީތެރިކަމާއެކު ކުރިއަށްދާ މަސައްކަތެއް ކަމަށެވެ. "މިފްކޯއިން ޕްރޮޑަކްޝަން މަސައްކަތް ކޮށްދެއްވި. އެސްޓީއޯއިން މި މަސައްކަތުގެ ޓްރާންސްޕޯޓާއި ލޮޖިސްޓިކްސް ހަމަޖައްސަވައިދެއްވާ،" މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން އެމްއެންޑީއެފް، އެމްޕީއެލް، ވެމްކޯ އަދި އެމްޑަބުލިޔުއެސްއީ ފަދަ ކުންފުނިތަކުންވެސް މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވާނެއެވެ.

މަސްދަޅު ކޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ނުވަތަ މައްސަލައެއް ދިމާވެއްޖެނަމަ، އެކަމުގެ ޝަކުވާ ހުށަހެޅުމަށް މިނިސްޓްރީން ވަނީ ހާއްސަ ވަޓްސްއަޕް ނަންބަރެއް ކަނޑައަޅާފައެވެ. އެގޮތުން 7741446 ނަންބަރަށް މެސެޖުކޮށްގެން ޝަކުވާ ހުށަހެޅޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450