Ads by Farudhun

ޚަބަރު

އިސްލާމީ މުޖުތަމައެއްގައި އޮންނަންޖެހޭ އެންމެ މުހިންމު އެއް ސިފައަކީ އިޙްތިރާމް ކުރުމުގެ ރިވެތި ސިފަ: ވަޒީރު ހީނާ

އިސްލާމީ މުޖުތަމައެއްގައި އޮންނަންޖެހޭ އެންމެ މުހިންމު އެއް ސިފައަކީ އިޙްތިރާމް ކުރުމުގެ ރިވެތި ސިފަ: ވަޒީރު ހީނާ

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު---

farudhun logo

ފަރުދުން

22 ސެޕްޓެމްބަރު 2026، 10:26

22 ސެޕްޓެމްބަރު 2026، 10:26

ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށް ވާއިރު، އިސްލާމީ މުޖުތަމައެއްގައި އޮންނަންޖެހޭ އެންމެ މުހިންމު އެއް ސިފައަކީ އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރުމުގެ ރިވެތި ސިފަ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ހީނާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހިންގެ މާދަރީ ބަހާއި، ތާރީޚާއި، ސަޤާފަތް އަދި އާދަކާދަތައް ބިނާވެގެންވަނީ އިސްލާމީ މަތިވެރި އަސާސްތަކުގެ މައްޗަށް ކަމަށެވެ. އަދި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ މަސައްކަތުގެ ތެރެއިން މިއަދު އެންމެ ބޮޑަށް އަށަގަންނުވަން ޖެހިފައިވަނީ އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ ރިވެތި އާދަ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރުން ފަށާފައިވާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އަކީ ވަރަށް މުހިންމު މަޤުޞަދެއްގައި ރާވާފައިވާ މަޝްރޫޢެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ އިޖުތިމާޢީ ޙާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައި ހިސާބުން ފެށިގެން، ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އިޙްތިރާމް އަދާކުރުމާއި، ޤަދަރުކުރުމުގެ ރިވެތި ސިފަތައް ވަރަށް ބޮޑަށް ނެތިގެން ގޮސްފައިވާ ކަމަށެވެ. އަދި ސިޔާސީ ގޮތުން އައި ބަދަލުތަކާއެކު މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ރޫޅި، ވީދިގެން ގޮސްފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ދިވެހީންނަކީ ޒަމާނުއްސުރެން ވެސް އެއްބަޔަކު އަނެއްބަޔަކަށް އިންތިހާއަށް އިޙްތިރާމްކުރަމުން އައި އެކުވެރި ބައެއް ކަމަށެވެ.

މީގެ އިތުރުން ވަޒީރު ހީނާ ވިދާޅުވީ، އިޙްތިރާމް ކުރުމުގެ މި ޚާއްޞަ ޤައުމީ ކެމްޕެއިން ކުރިއަށް ގެންދާނީ މުޖުތަމަޢުގެ ހުރިހާ ފަރުދުންނާއި ހުރިހާ ފަންތިއެއް ޝާމިލުވާ ގޮތަށް ކަމަށެވެ.

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އަކީ ދިވެހިންގެ ޤައުމީ އައިޑެންޓިޓީ ހިފެހެއްޓެވުމަށް ދެއްވާ ޚާއްޞަ އިސްކަމުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއީ ދިވެހި މުޖުތަމަޢުން ނެތެމުންދާ ރީތި އަދަބު އަޚްލާޤާއި އާދަތައް އަލުން ދިރުވައި އާލާކުރުމަށްޓަކައި 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޤައުމީ ކެމްޕޭނެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ "އިޙްތިރާމުގެ އުފާ، މުޖުތަމަޢުގެ ނަފާ" މި ޝިޢާރުގެ ދަށުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450