ޚަބަރު
އުމްރާނީ ތަރައްގީގެ މުހިންމު 22 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފި
އުމްރާނީ ތަރައްގީގެ މުހިންމު 22 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކުރުން - ފޮޓޯ: ހައުސިންގ މިނިސްޓަރީ
ރާއްޖޭގެ ރަށްރަށުގެ އުމްރާނީ ތަރައްގީ ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން، އެކި ކަންކޮޅުތަކުގައި 22 މަޝްރޫއެއް ހިންގުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. މި ރަސްމިއްޔާތުގައި މަޝްރޫއުތައް ކުރިއަށްދާ ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ހަވާލުކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:
- މަގުހެދުމުގެ މަޝްރޫއުތައް: އދ. ހަންޏާމީދޫ، ބ. ކަމަދޫ، ކ. މާފުށި، ނ. މާޅެންދޫ، ރ. އަނގޮޅިތީމު، ރ. ވާދޫ، ށ. ކޮމަންޑޫ، އަދި ތ. ވަންދޫ.
- ގޮނޑުދޮށް ހިމާޔަތްކުރުން: ހއ. ތުރާކުނު، ހއ. ވަށަފަރު، ހދ. ނައިވާދޫ، ނ. މިލަދޫ، އަދި އއ. މާޅޮސް.
- ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުން: ނ. ހޮޅުމީދޫ، ކ. ތުލުސްދޫ، ތ. ކަނޑޫދޫ، ތ. ވިލުފުށި، ގއ. ނިލަންދޫ، އަދި ގއ. ކަނޑުހުޅުދޫ.
- މޫދަށް އެރޭ ސަރަހައްދާއި ސްލިޕްވޭ: ހދ. ވައިކަރަދޫގައި ސްލިޕްވޭއަކާއި މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުން، އަދި ރ. ފައިނުގައި މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރުން.
- އިމާރާތްކުރުން: ޏ. ފުވައްމުލަކުގައި 9 ފަންގިފިލާގެ ޒަމާނީ އޮފީސް ކޮމްޕްލެކްސްއެއް އެޅުން.
މި މަޝްރޫއުތަކަކީ ރަށްރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގުސޫދުގައި ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތަކެކެވެ.