ޚަބަރު
ދިވެހިވަންތަކަން ދިރުވުމަށް ބޮޑު ޤައުމީ މަޝްރޫޢެއް: "އިޙުތިރާމް އަދާކުރުން" ހޮނިހިރު ދުވަހުގެ ރޭ އިފްތިތާޙުކުރަނީ
އިޙުތިރާމް އަދާކުރުން" ހޮނިހިރު ދުވަހުގެ ރޭ އިފްތިތާޙުކުރަނީ - ފޮޓޯ: ސަންގު ނިއުސް
ދިވެހިންގެ ތެރޭގައި ދުވަހަކަށްފަހު ދުވަހެއް ފަނޑުވަމުންދާ، އެކަކު އަނެކަކަށް އިޙުތިރާމްކުރުމުގެ އަގުހުރި ސިފަ އަލުން އާލާކުރުމުގެ މަތިވެރި ޢަޒުމުގައި، ސަރުކާރުގެ ފަރާތުން ރޭވިގެން ކުރިއަށްގެންދާ "އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" މި އަންނަ ހޮނިހިރު ދުވަހުގެ ރޭ ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާއިރު، އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ވަރަށް ބޮޑަށް ކުރިއަށް ގޮސްފައެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ މި ބިޔަ ޤައުމީ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާފަންނު ޓްރެކް ދަނޑުގައެވެ. ސަރުކާރުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުންނާއި، ރާއްޖޭގެ ފަންނީ ދާއިރާގެ ފުންނާބު އުސް ފަރާތްތަކާއި، އާންމު ރައްޔިތުން ބޮޑުތަނުން ބައިވެރިވާނެ މި ރަސްމިއްޔާތަކީ، ރާއްޖޭގައި މިހާތަނަށް ބޭއްވޭ މިފަދަ ޤައުމީ ކަންކަމުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި ރޭވިގެން ކުރިއަށްގެންދާ ހަރަކާތްކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
މި ޤައުމީ މަޝްރޫޢަކީ ދިވެހިވަންތަކަމާއި ޤައުމީ އައިޑެންޓިޓީ ހިމާޔަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ޚާއްޞަ ތަޞައްވުރުގެ ދަށުން ފެށޭ ކެމްޕޭނެކެވެ. މިފަދަ ޤައުމީ ހަރަކާތެއް ފެއްޓެވުމުގެ ޚަބަރު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ޙިއްޞާކުރެއްވީ، މިއަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިގޮތުގައި، ދިވެހި މުޖުތަމަޢުގައި އިޙުތިރާމުގެ ރިވެތި އާދަ ގެއްލެމުންދާ މިންވަރު ފެނި، އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި، މިއީ ވަގުތުން ފިޔަވަޅު އެޅުމަށް މުހިއްމު ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު، ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ މުޅި މުޖުތަމަޢާއި ތަފާތު ދާއިރާތަކުގެ ފަންނުވެރިންނާއި، ކުދިބޮޑު އެންމެހައި ރައްޔިތުން އެކުއެކީގައި ބައިވެރިވާނެ، މިހާތަނަށް ރާއްޖޭގައި ހިންގޭ މިފަދަ އެންމެ ބިޔަ ޤައުމީ ހަރަކާތް ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހުގެ ރޭ މާފަންނު ޓްރެކް ދަނޑުގައި ބާއްވާ ކުލަގަދަ ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ރަސްމީ ލޯގޯ ދައްކާލުމުގެ އިތުރުން، ޚާއްޞަ ޝިޢާރު އެކުލެވޭ ރަސްމީ ލަވަ އިފްތިތާޙުކުރުން ވެސް އޮންނާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ދިވެހި ޤައުމިއްޔަތާއި ތަރިކައަކީ އެންމެހައި ދިވެހި ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ޤައުމީ ބޮޑު ޒިންމާއަކަށްވާއިރު، އަމިއްލަ ޤައުމުގެ އަގުހުރި ސަގާފަތަށާއި އިސްލާމީ މާތް އާދަކާދަތަކަށް ފުރައްސާރަކުރުމަކީ ދިވެހި ޤައުމީ ވިސްނުމާ މުޅިން ބީރައްޓެހި، ނާތަހުޒީބު ޢަމަލެކެވެ. އެއް މިއްލަތަކަށް، އެއް އަމާޒަކަށް ދަތުރުކުރާ އެއްބައެއްގެ ގޮތުގައި އެކުވެރިކަމާއެކު ތިބެ، ކާބަފައިންގެ ތަރިކައާއި ސަގާފަތަށް ލޯބިކޮށް، ދިވެހިވަންތަކަމުގެ އަގުވަޒަންކުރުމަކީ މި ޤައުމީ މަޝްރޫޢުގެ މައިގަނޑު އަސާސެވެ.
މި ތާރީޚީ އަދި ޤައުމީ މުހިންމު ރަސްމިއްޔާތުގެ ޚާއްޞަ ކަވަރޭޖް ރާއްޖޭގެ ގިނަ މީޑިއާތަކުން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.