ޚަބަރު
ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްޤީކުރި ބައިގެ ސިޑިތަކުގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް ފަށައިފި
ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްޤީކުރި ބައިގެ ސިޑިތަކުގައި ރެއިލިން ހަރުކުރުން / ފޮޓޯ: އެމްޓީސީސީ
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަދާފައިވާ ޖެޓީތަކުގެ ސިޑިތަކުގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތަކީ އެ ސަރަޙައްދުގެ ސިޑިތައް ބޭނުންކުރާ އާންމު ރައްޔިތުންނާއި ދަތުރުވެރިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ބޮޑުތަކުރުފާނު މަގު ފޭސް 1 ގެ ސަރަޙައްދުގައި ހިމެނޭ ޖެޓީތަކަކީ ކަނޑު އުޅަނދުފަހަރަށް އަރައި ފޭބުމަށާއި، ގިނަ އަދަދެއްގެ އާންމުން އެކި ބޭނުންތަކުގައި ބޭނުންކުރަމުން އަންނަ ތަނަކަށް ވުމާއެކު، ސިޑިތަކުގައި ރެއިލިން ހަރުކުރުމުން ޚާއްޞަކޮށް ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނަށް ވެއްޓުމާއި އެހެނިހެން ހާދިސާތަކުން ރައްކާތެރިވެ، ފަސޭހަކަމާއެކު ސިޑި ބޭނުންކުރުމުގެ މަގު ފަހިވެގެންދާނެއެވެ.
ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްޤީކުރި ބައިގެ ސިޑިތަކުގައި ރެއިލިން ހަރުކުރުން / ފޮޓޯ: އެމްޓީސީސީ
ބޮޑުތަކުރުފާނު މަގު އުތުރު ފަރާތް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. މަޝްރޫއުގެ ދަށުން ނޯތު ހާބަރު ސަރަހައްދުން ފެށިގެން ރަސްމީ ފާލަމާ ދެމެދު ފަޅުން ބައެއް ހިއްކައި، ހަތަރު ލޭނަށް މަގު ވަނީ ފުޅާކޮށްފައެވެ. އަދި މި މަޝްރޫއުގެ ތެރެއިން ފަޅު ހިއްކައިގެން 500 ސައިކަލް ޕާކުކުރެވޭނެ ޖާގަ ވެސް ހަދާފައިވެއެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މަގުތަކާއި އާންމު ޚިދުމަތްދޭ ތަންތަން ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ މަތީ ދަރަޖައިގައި ކަށަވަރުކޮށްދިނުމަށެވެ. އެގޮތުން މި ސަރަޙައްދުގެ މަސައްކަތްތައް ނިމިގެންދާއިރު، އެތަނަކީ އާންމުންނަށް ބޭނުންކުރަން ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް ވެގެންދާނެއެވެ.