ޚަބަރު
މިރޭ މާލެ ސަރަހައްދުގައި ރޯދަހަދިޔާ މަސްދަޅުކޭސް ބަހަން ފަށަނީ
ރޯދަހަދިޔާ މަސްދާޅު ބެހުން. ފޮޓޯ: މިހާރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ކުރިއަށްއޮތް ރަމަޟާންމަހަށް ގޭބީސީތަކަށް ހަދިޔާކުރާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މާލެ ސަރަހައްދުގައި މިރޭ ފެށުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ.
މި މަޝްރޫޢަކީ ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.
ސިޓީތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުން ކުރިއަށްދާނީ ކޮންމެ ރެއެއްގެ 8:00 އިން ފެށިގެންނެވެ. އަދި ކޮންމެ ރެއަކުވެސް 300 ޓޯކަންއަށް މަސްދަޅުކޭސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު ކުރިއަށްދަނީ މަސްދަޅު ކޭސް ބެހުމަށް ކަނޑައަޅާފައިވާ މަރުކަޒުތަކަށް ތަކެތި ގެންދިއުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާ މަރުކަޒުތައް
މާލޭގެ އެކި ސަރަހައްދުތަކުގައި މަސްދަޅު ކޭސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލު، ހެންވޭރު ބޯޅަދަނޑު އަދި ގަލޮޅު ދަނޑުން ކޭސް ދޫކުރާނެއެވެ. ހުޅުމާލެ ފޭސް 1 ގައި ޢުމަރުޒާހިރު ބިލްޑިންގް، ޕޮލްކޯޓަވަރު އަދި މުހައްމަދު ޤާސިމް ޕްރީސްކޫލް ކަނޑައަޅާފައިވާއިރު، ފޭސް 2 ގައި ކާމިލުދީދީ ސްކޫލް، ހިޔާޓަވަރު 10 އަދި އެމްޕީއެލް ޓަވަރު ޕީ އިން ކޭސް ދޫކުރާނެއެވެ. ވިލިމާލޭގައި މަސްދަޅު ކޭސް ބަހާނީ ވެމްކޯ ސައިޓުންނެވެ.
ސަރުކާރުގެ އަމާޒަކީ ރަމަޟާންމަސް ފެށުމުގެ ކުރިން މާލެއާއި އަތޮޅުތެރޭގެ ހުރިހާ ގޭބިސީއަކަށްވެސް 48 ދަޅުގެ މަސްދަޅު ކޭސް ބަހާ ނިންމާލުމެވެ. މީލާދީ ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ އަންނަ މާރިޗު މަހުގެ 18 ވަނަ ދުވަހެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރުގެ ރަމަޟާންމަހުވެސް ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ޖުމްލަ 111,231 މަސްދަޅު ކޭސް ބަހާފައެވެ. އޭގެ ތެރޭގައި މާލޭގެ ގޭބިސީތަކަށް ދޫކުރި 50,519 ކޭހާއި، އަތޮޅުތެރޭގެ ގޭބިސީތަކަށް ފޮނުވި 60,712 މަސްދަޅު ކޭސް ހިމެނެއެވެ.