ދުނިޔެ

އިންޑޮނޭޝިއާގެ ހުޅަނގު ބަންޑުންގްއަށް ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި ހަތް މީހުން މަރުވެ ގިނަ ބަޔަކު ގެއްލިއްޖެ

އިންޑޮނޭޝިއާގެ ހުޅަނގު ބަންޑުންގްއަށް ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި ހަތް މީހުން މަރުވެ ގިނަ ބަޔަކު ގެއްލިއްޖެ

ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާ ހިނގި ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޖެނުއަރީ 2026، 03:16

24 ޖެނުއަރީ 2026، 03:16

އިންޑޮނޭޝިއާގެ ހުޅަނގު ޖާވާ ޕްރޮވިންސްގެ ހުޅަނގު ބަންޑުންގް ސަރަހައްދަށް ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި މަދުވެގެން ހަތް މީހުން މަރުވެ، ގިނަ ބަޔަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން މިހާރު ދަނީ ކުރަމުންނެވެ.

އިންޑޮނޭޝިއާގެ ޑިޒާސްޓަރ މިޓިގޭޝަން އެޖެންސީގެ ތަރުޖަމާނު އަބްދުލް މުހާރީ ހޮނިހިރު ދުވަހު ވިދާޅުވީ، "ގެއްލިފައިވާ މީހުންގެ އަދަދު ގިނަ ކަމަށާއި، މިއަދު ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތްތައް ވީހާވެސް ބޮޑަށް ފުޅާކުރުމަށް މަސައްކަތް ކުރާނެ" ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު 2 ޖަހާކަންހާއިރު ޕާސިރުލަންގޫ އަވަށަށެވެ.

މައުލޫމާތު ލިބޭގޮތުގައި މައުންޓް ބުރަންގްރަންގްގެ ފަރުބަދަމަތިން ފޭބި ބާރުގަދަ ފެންގަނޑަކާއި ފަސްގަނޑު އެ އަވަށުގެ 30 ވަރަކަށް ގެއަށް ވަދެފައިވަނީ ގިނަ ބަޔަކު ނިދާފައި ތިއްބައެވެ. ލޯކަލް ޕޮލިސް ޗީފް އޭވައި ޔޯގަސްވަރާ ވިދާޅުވި ގޮތުގައި ބިންހިރުވުމާއެކު ކުއްލި ފެންބޮޑުވުމުގެ ހާދިސާއެއްވެސް ވަނީ ހިނގާފައެވެ. "މި ހާދިސާ ހިނގި ވަގުތު ރަށުގެ ރައްޔިތުންނަށް ވަނީ ވަރަށް ބާރުގަދަ އަޑެއް އިވިފައި،" އޭނާ ވިދާޅުވިއެވެ.

މި ކުއްލި ހާލަތުގައި އެހީތެރިވުމަށް އިންޑޮނޭޝިއާގެ އަސްކަރިއްޔާއާއި، ކަމާބެހޭ އެޖެންސީތަކާއި، ވޮލަންޓިއަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. އިތުރު ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި، ބިންހިރުވުމުގެ ނުރައްކާ އޮތް ސަރަހައްދުތަކުން މީހުން ހުސްކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ. މި ބިންހިރުވުމުގެ އަސަރު ގާތްގަނޑަކަށް 30 ހެކްޓަރުގެ ސަރަހައްދަކަށް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން، ހުޅަނގު ޖާވާގެ ކަރަވަންގް ރީޖަންގެ 20 ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އިރުމަތީ ޖަކާޓާގެ އެތައް ސަތޭކަ ބަޔަކު ވަނީ ފެންބޮޑުވުމުގެ ސަބަބުން ގެދޮރު ދޫކޮށް ގޮސްފައެވެ. މިދިޔަ މަހުވެސް އިންޑޮނޭޝިއާގެ އެކި ޕްރޮވިންސްތަކުގައި ހިނގި ބިންހިރުވުމާއި ފެންބޮޑުވުމުގެ ހާދިސާތަކުގައި 1,170 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ތިމާވެށި ހަލާކުވުމުގެ ސަބަބުން މިފަދަ ކާރިސާތައް އިތުރުވަމުންދާކަމަށް ބެލެވޭތީ، އިންޑޮނޭޝިއާ ސަރުކާރުން ވަނީ ހަ ކުންފުންޏަކާ ދެކޮޅަށް ދައުވާ އުފުލާފައެވެ. ޖަންގަލިތައް ކެނޑުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންޑޮނޭޝިއާއަށް ގުދުރަތީ ކާރިސާތަކުގެ ނުރައްކާ ދަނީ ބޮޑުވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450