ސައިންސް / ދުނިޔެ
އޭއައި އިންސާނުންނަށްވުރެ ބާރުގަދަވާނެ ކަމުގެ އިންޒާރު އެލޮން މަސްކް ދީފި
އިލޯން މަސްކް ފޮޓޯ:އިންޓަރނެޓް
ދުނިޔޭގެ އިގްތިސާދީ ފޯރަމް (ވޯލްޑް އިކޮނޮމިކް ފޯރަމް) ގައި ވާހަކަދައްކަވަމުން، ޓެކްނޮލޮޖީ ދާއިރާގެ މަޝްހޫރު މަހުޖަނު އެލޮން މަސްކް ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުރިއަރަމުންދާ ހަލުވި މިނާ މެދު ސީރިއަސް އިންޒާރުތަކެއް ދެއްވާފައެވެ.
ބްލެކްރޮކްގެ ސީއީއޯ ލެރީ ފިންކާ އެކު ބޭއްވި މަޝްވަރާއެއްގައި މަސްކް ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އޭއައިގެ ގާބިލުކަން ހުރިހާ އިންސާނުންގެ ބުއްދިއަށްވުރެ މައްޗަށް ދާނެ ކަމަށެވެ. އަދި ކޮމްޕިއުޓިންގް ޕަވަރާއި އޭއައި ސިސްޓަމްތައް ތަރައްގީވަމުންދާ ގޮތަށް ބަލާއިރު، މި އަހަރުގެ ނިޔަލަށް ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އޭއައިގެ ބުއްދި އިންސާނުންގެ ފެންވަރަށް އަރާނެ ނުވަތަ އެއަށްވުރެ މައްޗަށް ދާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.
މަސްކް ފާހަގަކުރެއްވި ގޮތުގައި، އޭއައި ސޮފްޓްވެއަރތައް ދަނީ ގިނަ ބަޔަކަށް ގަބޫލުކުރެވޭ ވަރަށްވުރެ މާ ހަލުވިކޮށް އަމިއްލައަށް ކަންކަން ދަސްކުރަމުންނެވެ. މި ބަދަލުތައް އަންނާނީ ކުއްލިއަކަށް ނޫން ކަމަށާއި، ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި ސާފު މަރުހަލާތަކަކަށް ބެހިގެން މި ކުރިއެރުން ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުވެސް މި ސިސްޓަމްތައް ދަނީ ދުނިޔޭގެ އެކި ސިނާއަތްތަކާއި އިގްތިސާދުގެ ތެރެއަށް ވަރަށް ބޮޑަށް ވަންނަމުންނެވެ.
އޭއައިގެ އިތުރުން، އޭއައިގެ އިތުރުން، ޓެސްލާ ކުންފުނިން އުފައްދާ "އޮޕްޓިމަސް" ނަމަކަށް ކިޔާ ހިއުމަނޮއިޑް ރޮބޮޓްތަކާ ބެހޭގޮތުން ވެސް މަސްކް ވާހަކަދެއްކެވިއެވެ. މިހާރު ފެކްޓްރީތަކުގައި އާދައިގެ މަސައްކަތްތައް ކުރަމުންދާ މި ރޮބޮޓްތައް، މި އަހަރު ނިމުމުގެ ކުރިން މިއަށްވުރެ އުނދަގޫ އަދި ބޮޑެތި މަސައްކަތްތައް ކުރަން ފަށާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.
މަސްކް ވިދާޅުވި ގޮތުގައި، މި ރޮބޮޓްތަކުގެ ސަލާމަތީ ކަންކަމާއި، އިތުބާރު ހުރި މިންވަރާއި އަދި މަސައްކަތުގެ ހަލުވިމިން ވަކި ފެންވަރަކަށް ހިފެހެއްޓުމުން، އަންނަ އަހަރުގެ ތެރޭގައި އާންމު ބާޒާރަށް މި ރޮބޮޓްތައް ނެރުމަކީ އެކަށީގެންވާ ކަމެކެވެ. އޭނާ މި ރޮބޮޓްތަކުގެ މިސާލު ޖެއްސެވީ ޓެސްލާގެ ކާރުތަކާއެވެ. ސްމާޓްފޯނާއި ކޮމްޕިއުޓަރުގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށް އައި ބޮޑު ބަދަލު ފަދައިން، މި ރޮބޮޓްތަކުގެ ސަބަބުން އިންސާނުންގެ މަސައްކަތުގެ މާހައުލަށާއި އަމިއްލަ ދިރިއުޅުމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
އެލޮން މަސްކްގެ މި ވާހަކަތަކުން ދޭހަވަނީ އޭއައި ޓެކްނޮލޮޖީގެ ސަބަބުން ލިބޭނެ ފައިދާތަކުގެ އިތުރުން، އޭގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް ވެސް ސަމާލުވާން ޖެހިފައިވާ މިންވަރެވެ. އިންސާނީ ބުއްދިއަށްވުރެ މައްޗަށް މެޝިންތަކުގެ ބުއްދި ދިއުމަކީ ދުނިޔޭގެ ކުރިމަގު ބަދަލުކޮށްލާނެ ބޮޑު ކަމެކެވެ.