ޚަބަރު
ދިވެހި ވަޠަނީ ޚިދުމަތުގެ ބައިވެރިން ވެގެންދާނީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ހަށިހެޔޮ ބަޔަކަށް: ރައީސް މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުތައް ފުރިހަމަކުރާ ބައިވެރިންނަކީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ހަށިހެޔޮ ބަޔަކަށް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ވަޠަނީ ޚިދުމަތުގެ 2 ވަނަ ބުރުގެ ބައިވެރިން މިއަދު ތަމްރީނުތަކަށް ޅ. މާފިލާފުށްޓަށް ފުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕްރޮގްރާމަކީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހު ރައީސް އިޢުލާނުކުރެއްވި، ޒުވާނުން ޤައުމީ ރޫޙުގައި ބިނާކުރުމުގެ މުހިންމު މަޝްރޫޢެކެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ޤައުމުގެ މުސްތަޤްބަލު ކަމުގައިވާ ޒުވާނުންނަށް ފަހި ކުރިމަގެއް ކޮށައިދިނުމަށް ފެށި މި ޕްރޮގްރާމުގެ ދެވަނަ ބުރުގައި 350 ޒުވާނުން ބައިވެރިވާ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ތަޢުލީމާބެހޭ ދުވަހު މި ތަމްރީނުތައް ފެށިގެން ދިއުމަކީ ލިބޭ ޚާއްޞަ އުފަލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި 'ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ' ގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި:
ދިވެހި ޤައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަން
ދީނީ ތަރުބިއްޔަތާއި އިސްލާމީ ޝިޢާރުތަކަށް ލޯބިޖެއްސުން
ލީޑަރޝިޕް، ފަސްޓްއެއިޑް އަދި ފަޔަރފައިޓިންގ
ހަށިހެޔޮކަމާއި، ފެތުމާއި މޫދަށް އަހުލުވެރިކުރުވުން
ތަފާތު ފީލްޑް އެކްޓިވިޓީތަކާއި ބޭނުންތެރި ހުނަރުތައް ހިމެނެއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ތަމްރީނުގެ ސަބަބުން ޒުވާނުންގެ އަޚުލާޤާއި ސުލޫކު ރަނގަޅުވެ، ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް އެކުދިން ވެގެންދާނެ ކަމަށެވެ. އަދި މި ހުރިހާ ބައިވެރިންނަށް އެމަނިކުފާނު ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
މިޤައުމުގެ މުސްތަޤްބަލު ކަމުގައިވާ ދިވެހި ޒުވާނުންނަށް ފަހި ކުރިމަގެއް ކޮށައިދިނުމުގެ މަތިވެރި މަޤްޞަދުގައި ސަރުކާރުން ފެށި ދިވެހި ވަޠަނީ ޚިދުމަތުގެ 02 ވަނަ ބުރުގެ ބައިވެރިން މިއަދު ޅ.މާފިލާފުށްޓަށް ފުރައިފި.
— Dr Mohamed Muizzu (@MMuizzu) January 24, 2026
350 ޒުވާނުންނާއެކު ތިން މަސްދުވަހަށް ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް… pic.twitter.com/SfndY0TLC6
ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމަށް ޒުވާނުންގެ ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ. އެގޮތުން ފުރަތަމަ ފުރުޞަތު ހުޅުވާލިތާ ދެމަސް ތެރޭގައި 1,200 އަށްވުރެ ގިނަ ޒުވާނުން ވަނީ ކުރިމަތިލާފައެވެ. މިހާރު ފެށުނު ދެވަނަ ބުރުގެ ބައިވެރިން ހޮވާފައިވަނީ ކުރިމަތިލީ ކުދިންގެ ތެރެއިން ނަންނޯޓުކޮށްފައިވާ ތަރުތީބުން، އިންޓަވިއުއާއި ފިޓްނަސް ޓެސްޓުތަކަށް ފަހުގައެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބުރުން 344 ޒުވާނުން ދަސްވެނިވެފައިވާއިރު، އޭގެ ތެރެއިން ބައެއް ބައިވެރިން މިހާރު އަންނަނީ ބ. ކިހާދޫގައި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތައް ފުރިހަމަކުރަމުންނެވެ.