ޚަބަރު
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ދެ އެނދާއެކު ކީމޯގެ ޚިދުމަތް ފަށައިފި
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯގެ ޚިދުމަތް ފެށުން / ފޮޓޯ: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ފަރުދުން
25 ޖެނުއަރީ 2026، 01:03
25 ޖެނުއަރީ 2026، 01:03
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ދެ އެނދާއެކު ކީމޯ ތެރަޕީގެ ޚިދުމަތް ފަށައިފިއެވެ. މިއީ މާލެއިން ބޭރުން މި ޚިދުމަތް ފެށި 3 ވަނަ ހޮސްޕިޓަލެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލު ހުންނަ ރ އަތޮޅަކީ ރާއްޖޭގައި 4 ވަނައަށް އެންމެ ގިނައިން ކެންސަރު ބަލި ތަޙައްމަލު ކުރަމުންދާ މީހުން ރެޖިސްޓަރ ކޮށްފައިވާ އަތޮޅެވެ.
މި ޚިދުމަތް ފެށުމުގެ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު)ގެ، އޮންކޮލޮޖީ ޑިޕާޓްމަންޓުގެ އެހީތެރިކަމާއެކު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ 2 ނަރުހުން ވަނީ މިކަމާ ގުޅޭ ފަރުވާ ދިނުމަށް ތަމްރީނުކޮށްފައެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯ ތެރަޕީއަށް ޚާއްޞަ ދެ ރޫމެއް ތައްޔާރުކޮށްފައިވާއިރު، އެއްފަހަރާ 2 ޕޭޝެންޓުންނަށް ކީމޯ ސެޝަންތައް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.
އެ ހޮސްޕުޓަލުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ހޮސްޕިޓަލުން ކީމޯ ނެގުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރީ ކުރަން މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ކީމޯ ނެގުމަށް ބޭނުންވާ ފަރާތްތަކުން ހޮސްޕިޓަލަށް ގުޅައިގެން ކީމޯގެ ސެޝަނަށް ބޭނުންވާ ބޭސް ހޯދުމުގެ ކަންކަން ހަމަޖެއްސުމަށް އެ ހޮސްޕިޓަލުން އެދެއެވެ.
އަދި ކެންސަރުގެ އެކި ބާވަތްތަކަށް އަދި އެކި ބަލި މީހުންނަށް ކީމޯ ދިނުމުގެ ޓްރީޓްމަންޓް ޕްލޭން ތަފާތުވާނެތީ، ރާއްޖެއިން ބޭރުން ކީމޯގެ މުއްދަތުގައި ބޭނުންވާ ބޭސް ހޯދުމަށް ހޮސްޕިޓަލަށް އެކަށީގެންވާ ވަގުތު ބޭނުންވާނެ ކަމަށާއި، އެހެންކަމުން އެންމެ މުހިންމީ އެހެން ސަރަޙައްދަކުން މިވަގުތު ކީމޯ ނަގަމުންދާ ފަރާތެއް ނަމަވެސް އަދި އަލަށް ކީމޯ ފެށުމަށް ތައްޔާރުވާ ފަރާތެއް ނަމަވެސް އެކަން ހޮސްޕިޓަލަށް އެންގުންކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ރ. އަތޮޅުގައި ކީމޯ ތެރަޕީ ނަގާ 58 ބަލި މީހުން އެބަތިއްބެވެ.
މި ފަރުވާ ދިނުމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އޮންކޯ ނުވަތަ ކެންސަރަށް ޚާއްސަ ޑޮކްޓަރުން ނެތުމާއެކު، ހޮސްޕިޓަލުން މަސައްކަތް ކުރަމުންދަނީ އައިޖީއެމްއެޗުގެ އޮންކޯ ޑިޕާޓްމަންޓާއި ގުޅިގެންނެވެ. އަދި ބަލި މީހަކަށް ވަގުތުން ފަރުވާ ބޭނުންވާ ޙާލަތެއްގައި ވީހާވެސް އަވަހަކަށް މާލެ ފޮނުވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.