ޚަބަރު
ޖުމްލަ އެކްސްޕޯޓު 16.9 އިންސައްތަ އިތުރުވި ނަމަވެސް މަސް ބޭރުކުރި މިންވަރު ދަށަށް
ރާއްޖެއަށް މުދާ އެތެރެކުރާ ބޯޓެއް
މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖެއިން މުދާ އެކްސްޕޯޓުކުރި މިންވަރު ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16.9 އިންސައްތަ އިތުރުވެފައިވާކަން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިގުތިސާދީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން ކޮންމެ މަހަކު އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ރާއްޖެއިން ވަނީ ޖުމްލަ 380.3 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓުކޮށްފައެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ 325 މިލިއަން ޑޮލަރުގެ މުދަލެވެ.
ރާއްޖޭގެ ޖުމްލަ އެކްސްޕޯޓުގެ އަގު މަތިވި ނަމަވެސް، ރާއްޖެއިން ބޭރުކުރި ދާހިލީ އުފެއްދުންތަކުގެ އަގު ވަނީ ނިމުނު އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން ނިމުނު އަހަރު 113.4 މިލިއަން ޑޮލަރުގެ ދާހިލީ އުފެއްދުންތައް ބޭރުކުރިއިރު، މި އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް އެކްސްޕޯޓުކުރެވުނީ 65.4 މިލިއަން ޑޮލަރުގެ ދާހިލީ އުފެއްދުމެވެ. އެއީ ގާތްގަނޑަކަށް 42 އިންސައްތައިގެ ދަށްވުމެކެވެ. ރާއްޖެއިން އެކްސްޕޯޓުކުރި ދާހިލީ އުފެއްދުންތަކުގެ ތެރެއިން 47 މިލިއަން ޑޮލަރުގެ މުދާ ހިއްސާކުރަނީ އަމިއްލަ ވިޔަފާރިތަކުންނެވެ. އަދި އާންމު ވިޔަފާރިތަކުން އެކްސްޕޯޓުކޮށްފައިވަނީ 18.4 މިލިއަން ޑޮލަރުގެ މުދަލެވެ.
ދާހިލީ އުފެއްދުންތަކުގެ އެކްސްޕޯޓު ދަށްވި މައިގަނޑު ސަބަބަކީ ރާއްޖެއިން ބޭރުކުރި މަހާއި މަހުގެ ބާވަތްތަކުގެ މިންވަރު މަދުވުމެވެ. ނިމުނު އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް ރާއްޖެއިން 42،415 މެޓްރިކް ޓަނުގެ މަހާއި މަހުގެ އުފެއްދުން އެކްސްޕޯޓުކުރި ނަމަވެސް، މި އަހަރުގެ އެ މުއްދަތުގައި ބޭރުކުރެވުނީ 26،363.9 މެޓްރިކް ޓަނުގެ މަހެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު 57.8 އިންސައްތައިގެ ދަށްވުމެކެވެ.
ދާހިލީ އުފެއްދުންތައް ބޭރުކުރި މިންވަރު ދަށްވި ނަމަވެސް ޖުމްލަ އެކްސްޕޯޓުގެ އަގު އުފުލުނީ ރާއްޖެއިން ރީ-އެކްސްޕޯޓުކުރި މުދަލުގެ އަގު ބޮޑުތަނުން އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން މި އަހަރު ރީ-އެކްސްޕޯޓުކުރި މުދަލުގެ ޖުމްލަ އަގު 314 މިލިއަން ޑޮލަރަށް އަރާފައިވާއިރު، އޭގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ބައިނަލްއަގުވާމީ ފްލައިޓުތަކަށް ވިއްކި ޖެޓް ފިއުލެވެ. މި މުއްދަތުގައި ރީ-އެކްސްޕޯޓުކުރި ޖެޓް ފިއުލްގެ އަގު ވަނީ 255 މިލިއަން ޑޮލަރަށް އަރާފައެވެ.