ޚަބަރު
ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ވަޒީރު ޝާހިދުގެ ބަންދުގެ މުއްދަތު ޖަހައިފި
ޢަބްދުﷲ ޝާހިދު. ފޮޓޯ: ޕޮލިސް
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދުގެ ބަންދަށް ކޯޓުން 30 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
ފުލުހުން ބުނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހ. ރަބީޢީމަންޒިލް، ޢަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވަނީ ރޭ 21:59 ހާއިރު ކަމަށެވެ. ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އޭނާ ހައްޔަރުކުރީ ހުޅުމާލޭގައި ހުންނަ އޭނާގެ އެޕާޓްމަންޓުގައި ހުންނަވަނިކޮށެވެ.
ހައްޔަރުކުރުމަށްފަހު ރޭގެ ވަގުތެއްގައި ޝާހިދު ވަނީ ދޫނިދޫ ކަސްޓޯޑިއަލްއަށް ގެންގޮސްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި ޢަބްދުﷲ ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ދީފައެވެ. ފުލުހުންގެ ފަރާތުންވެސް ކޯޓުގައި އެދުނީ 30 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބަހައްޓައިދިނުމަށެވެ.