Ads by Stelco

ޚަބަރު

އާގު ބޯޓުފަހަރަށް 24 ގަޑިއިރު ބަނދަރަށް ވަދެވޭ ގޮތް ހަދައި، 36 އަހަރުވީ އުސޫލު ބަދަލުކޮށްފި

އާގު ބޯޓުފަހަރަށް 24 ގަޑިއިރު ބަނދަރަށް ވަދެވޭ ގޮތް ހަދައި، 36 އަހަރުވީ އުސޫލު ބަދަލުކޮށްފި

އެމްޕީއެލް ޕޯޓް ސަރަޙައްދު ފޮޓޯ: އެމްޕީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖެނުއަރީ 2026، 04:00

25 ޖެނުއަރީ 2026، 04:00

ދިވެހިރާއްޖެއަށް އަންނަ ބައިނަލްއަޤުވާމީ އާގު ބޯޓުފަހަރަށް، 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް މާދަމާއިން ފެށިގެން ހުޅުވާލުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން އިޢުލާނު ކުރެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.

1988 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން މާލޭ ވިޔަފާރި ބަނދަރަށް އަންނަ ބައިނަލްއަޤުވާމީ އުޅަނދުތަކުން އަމަލުކުރަމުން އައި އުސޫލަކީ، ރޭގަނޑު 12 ޖެހުމަށްފަހު އަންނަ ބޯޓުފަހަރު ހެނދުނު 6 ޖަހަންދެން ބޭރުގައި މަޑުކުރުމެވެ. ނަމަވެސް، ރާއްޖެއަށް އަންނަ އުޅަނދުތައް އިތުރުވަމުންދާތީއާއި ޤައުމުގެ އިޤްތިޞާދަށް ފައިދާވާނެ މަގުތައް ފަހިކުރުމަށްޓަކައި، ކޮންމެ ވަގުތެއްގައިވެސް ބަނދަރަށް ވަދެވޭނެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސަވާފައެވެ.

މިކަމާ ގުޅިގެން ވަޒީރު މުޙައްމަދު އަމީން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 26 ޖަނަވަރީ ވާ ހޯމަ ދުވަހުން ފެށިގެން އާގު ބޯޓުފަހަރަށް 24 ގަޑިއިރު ބަނދަރަށް ވަދެވޭނެ ކަމަށެވެ. މިއީ ވޭތުވެދިޔަ 36 އަހަރު އަމަލުކުރަމުން އައި އުސޫލު ބަދަލުކޮށް، އިޤްތިޞާދީ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. މި ބަދަލާއެކު، އުޅަނދުފަހަރަށް ދޭ ކްލިޔަރެންސާއި ޕައިލޮޓޭޖުގެ ޚިދުމަތްތައްވެސް ހުއްޓުމެއްނެތި 24 ގަޑިއިރު ލިބެމުންދާނެއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ގެނެވުނު ވަރަށް މުހިންމު ހެޔޮ ބަދަލެއް ކަމަށެވެ.



މި އައު ބަދަލުގެ ސަބަބުން އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، 'އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ ކޯޑު'  ގެ މިންގަނޑުތަކާ އެއްގޮތަށް ދޭންޖެހޭ ހުއްދަތަކާއި ޚިދުމަތްތައް މެދުނުކެނޑި ލިބޭނެއެވެ. މީގެ ސަބަބުން ބޯޓުފަހަރު ބޭރުގައި މަޑުކުރަންޖެހުމުން ކުރިން ހިނގާ އިތުރު ޚަރަދުތަކުން ސަލާމަތްވެ، ވަގުތު ސަލާމަތްކުރުމަށް ވިޔަފާރިވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ދަތުރުފަތުރާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މިއީ މާލޭ ކޮމާޝަލް ޕޯޓަކީ ބައިނަލްއަޤުވާމީ ފެންވަރުގެ އިތުބާރު ހުރި ތަނަކަށް ހެދުމަށާއި، ރާއްޖޭގެ ކަނޑުގެ ދަތުރުފަތުރުގެ ދާއިރާ ތަރައްޤީކޮށް އިތުރު އުޅަނދުފަހަރު ރާއްޖެއަށް ގެނައުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450