ޚަބަރު
ރޯދަ ހަދިޔާ: މާލެ ސަރަޙައްދުން 4000 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި
މަސްދަޅު ކޭސް ދޫކުރުން/ފޮޓޯ: ދެލި
ރޯދަ ހަދިޔާގެ ގޮތުގައި މާލެ ސަރަޙައްދުން 4000 އަށްވުރެ ގިނަ މަސްދަޅު ކޭސް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒަރާއިން ގޭބިސީތަކަށް ދޫކޮށްފިއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް މާލެ ސަރަޙައްދުގައި ބެހުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒަރާއާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފަށާފައިވަނީ ރޭ 20:30 ގައެވެ. އަދި ރޭ 23:00 އާއި ހަމައަށް ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި އަދި ހުޅުމާލެ) ގައި ޤާއިމްކޮށްފައިވާ މަރުކަޒުތަކުން 4،196 މަސްދަޅު ކޭސް މިހާތަނަށް ދޫކޮށްފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ސިޓީތަކާއި ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، މީގެ ތެރެއިން އެންމެ ގިނައިން މަސްދަޅު ކޭސްތައް ދޫކޮށްފައި ވަނީ ގަލޮޅު ދަނޑުގައި ޤާއިމްކޮށްފައިވާ މަރުކަޒުތަކުން ކަމަށެވެ. އެގޮތުން އެ ސަރަޙައްދުން ޖުމްލަ 783 މަސްދަޅު ކޭސް ރޭ ދޫކޮށްފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި ގަލޮޅު ދަނޑަށް މަސްދަޅު ކޭސް ބަލައި ގިނަ ބަޔަކު އެއްވާއިރު، އެ ސަރަޙައްދުގެ 4 ތަނަކުން މަސްދަޅު ކޭސް ދޫކުރަމުންދާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ހަފްތާ ތެރޭގައި އަތޮޅުތަކަށް މަސްދަޅު ކޭސްތައް ފޮނުވާ ނިންމާނެކަމަށް ސިޓީތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ ރޭ ވިދާޅުވެފައެވެ.