ޚަބަރު
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ 2 ވަނަ ބުރުގެ ތަމްރީނުތައް ފަށައިފި
ތަމްރީނުގެ ތެރެއިން/ފޮޓޯ: ވުޒާރާ
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ 2 ވަނަ ބުރުގެ ތަމްރީނުތައް ފަށައިފި އެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ، ފަރުމަސް އާލާކުރުމުގެ ހުނަރު ތަރައްޤީކޮށް މި ދާއިރާއިން ފަންނީ މީހުން އުފެއްދުމަށް ހިންގާ ޕްރޮގްރާމެކެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިހިނގާ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކ. މަނިޔަފުށި ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމުގައި ރާއްޖޭގެ އެކި އަތޮޅުތަކުން 10 ބައިވެރިން ބައިވެރިވެފައިވާ ކަމަށެވެ، އަދި މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 64 ބައިވެރިން ބޭސިކް މެރިކަލްޗަރ ކޯހުގައި ތަމްރީނު ފުރިހަމަ ކޮށްފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި ތަމްރީން ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ޙަރަކާތްތަކުގެ ތެރެއިން ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ބޭނުމުގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯސް އަހަރަކު 2 ކޯހުން 4 ކޯހަށް ވަނީ އިތުރުކޮށްފައެވެ. މި ޕްރޮގްރާމްގެ މަޤުޞަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރގެ (މެރިކަލްޗަރގެ) ސިނާޢަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމެވެ.
ވަރލްޑް ބޭންކުގެ އެހީގައި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހިންގާ މި ކޯހުގެ ދަށުން ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ތަޢާރަފުކޮށް ތަރައްޤީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން ބިނާކުރެވޭނެއެވެ. މިގޮތުން، އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް އަދި އިތާމުތް އާލާކުރުމާއި، އާލާ ކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި، މެރިކަލްޗަރ މަސައްކަތްތައް ކުރުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ ޢަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ. އަދި މިހާރު ވަނީ ސީވީޑް ކަލްޗަރ ކުރުމަށް ބޭނުންވާ ތިއަރީ ކިޔަވައިދޭން ވެސް ފަށައިފައެވެ.
މި ޕްރޮގްރާމުގެ ބައިވެރިން ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކުގެ އިތުރުން ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް މެރިން ރިސަރޗް އިންސްޓިޓިއުޓުގެ ފަރާތުން ހަމަޖައްސައިދީފައިވާކަން ފާހަގަކޮށްލެވެއެވެ.