Ads by Stelco

ޚަބަރު

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިންހިއްކުން ނިމިއްޖެ, ދެން އެންމެ އަވަހަށް ނިމޭނީ ގިރާވަރުފަޅު: ރައީސް މުޢިއްޒު

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިންހިއްކުން ނިމިއްޖެ, ދެން އެންމެ އަވަހަށް ނިމޭނީ ގިރާވަރުފަޅު: ރައީސް މުޢިއްޒު

ހުޅުމާލެ ފޭސް 3 ހިއްކާ ނިމިފައި ފޮޓޯ: އެމްއޭސީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖެނުއަރީ 2026، 06:54

25 ޖެނުއަރީ 2026، 06:54

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ބިންހިއްކުމުގެ މަޝްރޫޢުތަކުގެ ތެރެއިން، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް ނިމުމާއެކު، ސަރުކާރުގެ އަމާޒަކީ ދެން އެންމެ އަވަހަށް ބާރުދުވެލީގައި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ނިންމާލުން ކަމަށެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް ނިންމާލާފައިވަނީ ސަރުކާރުން އެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށެވެ. އެގޮތުން، ގާތްގަނޑަކަށް ދެ މަސްދުވަހުގެ ތެރޭގައި 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ. މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.



ގިރާވަރުފަޅުގެ މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ފަޅުން ކުރިން ހިއްކުމަށް ހަމަޖެހިފައިވާ 160 ހެކްޓަރުގެ ބިމުގެ އިތުރަށް، އެ މަޝްރޫޢުގެ ދަށުން އަދި އިތުރު 50 ހެކްޓަރުގެ ބިން ހިއްކުމަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ. މިއާއެކު ގިރާވަރުފަޅުން ހިއްކާ ބިމުގެ ޖުމްލަ އަދަދު އިތުރުވެ، އެ ސަރަހައްދުން ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ތަނަވަސްވެގެންދާނެއެވެ.

ސަރުކާރުގެ އަމާޒަކީ މާލެ ސަރަހައްދުގައި ހިންގާ ބިންހިއްކުމުގެ މަޝްރޫޢުތައް އަވަސްކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ތަދިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. އެގޮތުން ގިރާވަރުފަޅާއި، ގުޅީފަޅު އަދި ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތްތަކަކީ މި ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދާ މަޝްރޫޢުތަކެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450