ދުނިޔެ

އިސްލާމްއާބާދުގައި ވަރީގެ އިންޒާރު ދިނުމާއި، ދެވަނަ ކައިވެންޏެއް ކުރާނެ ކަމަށް ބިރުދައްކާނަމަ ޖަލު ހުކުމެއް

އިސްލާމްއާބާދުގައި ވަރީގެ އިންޒާރު ދިނުމާއި، ދެވަނަ ކައިވެންޏެއް ކުރާނެ ކަމަށް ބިރުދައްކާނަމަ ޖަލު ހުކުމެއް

އިސްލާމްއާބާދުގައި ވަރީގެ އިންޒާރު ދިނުމާއި، ދެވަނަ ކައިވެންޏެއް ކުރާނެ ކަމަށް ބިރުދައްކާނަމަ ޖަލު ހުކުމެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖެނުއަރީ 2026، 08:18

25 ޖެނުއަރީ 2026، 08:18

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ގެވެށި ގުޅުންތަކުގެ ތެރޭގައި ހިނގާ ނަފްސާނީ އަދި ބަހުގެ ހަމަލާތަކަކީ ޖިނާއީ ކުށްތަކެއްގެ ގޮތުގައި ކަނޑައަޅައި، "ޑޮމެސްޓިކް ވައިލެންސް އެކްޓް 2026" ޕާލިމަންޓުގެ ގުޅިފައިވާ ސެޝަނަކުން ފާސްކޮށްފިއެވެ.

މި އައު ޤާނޫނުގެ ދަށުން، ޖިސްމާނީ އަނިޔާގެ އިތުރުން، ފިރިމީހާ ނުވަތަ އަނބިމީހާގެ ހުއްދަނެތި އެމީހެއްގެ ހަރަކާތްތައް މޮނިޓަރުކުރުމާއި، ތަކުރާރުކޮށް ނަފްސާނީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވުން ފަދަ ކަންކަމަކީ ކުށެއްގެ ގޮތުގައި ވަނީ ބަލަން ފަށާފައެވެ. މީގެ އިތުރުން، ދޮގު ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް ވަރިކުރާނެ ކަމުގެ އިންޒާރު ދިނުމާއި، ނުވަތަ ދެވަނަ ކައިވެންޏެއް ކުރާނެ ކަމަށް ބުނެ ބިރުދެއްކުމަކީ ވެސް މިހާރު ކުށެކެވެ.

މި ޤާނޫނުގެ ދަށުން ކުށްވެރިވާ ފަރާތްތަކަށް ހަ މަސް ދުވަހާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް އައުމާއެކު، 100,000 ރުޕީސްއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. މި ޤާނޫނު ހިނގާނީ ހަމައެކަނި އިސްލާމްއާބާދުގެ އިހުތިސާސްގެ ތެރޭގައެވެ.

މީގެ ކުރިން ޕީ.ޓީ.އައި ސަރުކާރުން ވެސް މިފަދަ ބިލެއް ހުށަހަޅާފައިވީ ނަމަވެސް، 2026 ވަނަ އަހަރުގެ މި ޤާނޫނު ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. މި ޤާނޫނުގެ ރައްކާތެރިކަން ހަމައެކަނި އަންހެނުންނާއި ކުޑަކުދިންނަށް ލިބުމުގެ ބަދަލުގައި، ފިރިހެނުންނާއި،  ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން އާއިލާގެ ދުވަސްވީ މީހުންނަށް ވެސް ލިބިގެންދާނެއެވެ.

މި ޤާނޫނާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. ޤާނޫނަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މީގެ ސަބަބުން އަންހެނުންނަށް ބޮޑެތި ބާރުތަކެއް ލިބި، ސަގާފީ އާއިލީ އޮނިގަނޑު ރޫޅިގެން ހިނގައިދާނެއެވެ. ނަމަވެސް ޤާނޫނަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ، މިއީ މިހާތަނަށް އަޅާނުލެވި އޮތް، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ދޭ އަނިޔާތަކަކުން މީހުން ސަލާމަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ޤާނޫނީ މާހިރުން ހާމަކުރާ ގޮތުގައި، މީހުންގެ ފަހަތުން އުޅުމާއި ، ފާރަލުމަކީ މި ޤާނޫނުގެ ދަށުން ކުށެކެވެ. ނަމަވެސް މީގެ މާނައަކީ އާދައިގެ ގޮތަކަށް ބަލައިލުން ނޫން ކަމަށާއި، އެއީ މީހެއްގެ ނުރުހުމުގައި ތަކުރާރުކޮށް ފާރަލައި ހަރަކާތްތައް ބެލުން ކަމަށް މާހިރުން ބުނެއެވެ. ހަމައެހެންމެ، ކައިވެނީގެ ތެރޭގައި ހިންގާ ޖިންސީ އަނިޔާއާއި، އަޅާނުލައި ދޫކޮށްލުމަކީ ވެސް ގެވެށި އަނިޔާގެ ގޮތުގައި މިހާރު ވަނީ ބަލަން ފަށާފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ވަރިކުރާނެ ކަމުގެ އިންޒާރު ދިނުމާއި އަނބިމީހާ އެކަހެރިކޮށްލުމަކީ ބާރުގެ ބޭނުންކޮށްގެން މީހުން ނަފްސާނީ ގޮތުން އަޅުވެތިކުރުމަށް ބޭނުންކުރާ ވަސީލަތްތަކަކަށް ވާތީ، އެފަދަ ކަންކަން ކުށެއްގެ ގޮތުގައި ކަނޑައެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450