ޚަބަރު
"އޮޕަރޭޝަން ކުރަންގި"ގެ ދަށުން 10،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައިފި
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ފަށާފައިވާ "އޮޕަރޭޝަން ކުރަންގި"ގެ ދަށުން 10،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
"ހަފްތާ52"ގެ ނަމުގައި ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މި އޮޕަރޭޝަން މިހާރު ރާއްޖޭގެ 138 ރަށެއްގައި ކުރިއަށްދާކަމަށެވެ. އަދި މި މަސައްކަތް އަންނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ކުދި ވިޔަފާރިތަކަށް ހުރަސްތަކެއް އަޅަމުންދިޔަ ބިދޭސީންގެ ވިޔަފާރިތައް ހުއްޓުވާ، އެފަދަ ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީން 48 ގަޑިއިރުގެ ތެރޭގައި ފުރުވާލުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ. މިގޮތުން، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދިޔަ 5000 އެއްހާ ބިދޭސީން މިހާރު ރާއްޖެއިން ފުރުވާލާފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މީގެއިތުރުން، ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ކުރެވުނު އެހެނިހެން މުހިންމު މަސައްކަތްތަކަށްވެސް ވަޒީރު އަލިއަޅުއްވާލެއްވިއެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށާއި، ގޭންގު ކުށް ހުއްޓުވުމަށާއި، ކުށުގެ ވެށިން ކުޑަކުދިން ރައްކާތެރިކުރުމަށާއި، އަދި ޖަލުގައި ހިންގަމުންދާ ކުށްތައް ހުއްޓުވުމަށް ކުރެވުނު މަސައްކަތްތައް ހިމެނެއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް ބެލެވޭއިރު، މި މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން ވަޒީރުގެ ވާހަކަފުޅުން ހާމަވެގެންދެއެވެ.