ވިޔަފާރި / ޚަބަރު
ބީއެމްއެލް 'ސްވައިޕް'ގެ ލިމިޓެޑް ރިލީޒުގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި
ބީއެމްއެލް ސްވައިޕް ލޯންޗުކުރި ހަފްލާގެ ތެރެއިން / ފޮޓޯ: ބީއެމްއެލް
ފަރުދުން
31 ޖެނުއަރީ 2026، 04:53
31 ޖެނުއަރީ 2026، 04:53
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިޖިޓަލް ވޮލެޓު، 'ސްވައިޕް'ގެ ލިމިޓެޑް ރިލީޒުގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި 'ސްވައިޕް'ގެ ލިމިޓެޑް ރިލީޒުގައި އެ ޚިދުމަތް ލިބޭނީ އެންމެ ފުރަތަމަ ރެޖިސްޓަރީވާ 5،000 ކަސްޓަމަރުންނަށެވެ. އެހެންކަމުން މި ޚާއްޞަ ފުރުސަތުގައި އެ ޚިދުމަތް ހޯދުމަށް swipe.mv މެދުވެރިކޮށް ރެޖިސްޓަރވުމަށް ބޭންކުން ވަނީ ހުޅުވާލާފައެވެ.
ބޭންކުން ހާމަކޮށްފައިވާ ގޮތުގައި ރަޖިސްޓްރީވުމަށްފަހު ކަސްޓަމަރުންނަށް ސްވައިޕްގެ ފީޗަރތައް ބޭނުން ކުރެވޭނެއެވެ. އެގޮތުން ޕަރސަން-ޓު-ޕަރސަން ޓްރާންސްފަރތަކާއި، ކިއުއާރު މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތަކާއި، ސްވައިޕް މެދުވެރިކޮށް ހޭދަކުރާ ގޮތުގެ އިންސައިޓްސް ބަލައިލެވޭނެ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ. މީގެ އިތުރުން ޕޭމަންޓް ލިންކް ފޮނުވައި، ފަސޭހަކަމާއެކު ޓޮޕްއަޕްކޮށް، ވޮލެޓުގައި ހުރި ފައިސާ ބީއެމްއެލް އެކައުންޓަށް އަނބުރާ ފޮނުވޭނެ ކަމަށެވެ.
ސްވައިޕް ފަރުމާކޮށްފައިވަނީ، ރާއްޖޭގެ ރެގިއުލޭޓަރީ މިންގަނޑުތަކާއި، އިންޓަރނޭޝަނަލް ޕޭމަންޓް ސްޓޭންޑާޑުތަކާ އެއްގޮތަށެވެ. އަދި މަލްޓި-ކަރަންސީ ވޮލެޓެއްގެ ގޮތުގައި ބޭނުންކުރާ ސްވައިޕް ޓޮޕްއަޕް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އެކައުންޓުތަކުގައި ކޮންމެ ކްރެޑިޓް އަދި ޑެބިޓް ކާޑެއްވެސް ބޭނުން ކުރެވޭނެއެވެ.
އެންމެ ޒަމާނީ ސަލާމަތީ ގިނަ ފިޔަވަޅުތަކާއެކު ތަރައްޤީކޮށްފައިވާ އަދި ދިވެހިރާއްޖޭގެ އިތުރުން ބައިނަލްއަޤުވާމީ ޤަވާއިދުތަކާއި، ފައިސާ ދެއްކުމުގެ ޝަރުތުތަކާއި އުސޫލުތަކަށް ފުރިހަމައަށް ފެތޭ ސްވައިޕަކީ ބޭރުގެ އެހެނިހެން ވޮލެޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ ދިވެހި ޑިޖިޓަލް ވޮލެޓެކެވެ. ފްރީލާންސަރުންނާއި، އޮންލައިންކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް އެކި ޤައުމުތަކުގެ ކްލައިންޓުން ނުވަތަ ކަސްޓަމަރުންގެ ފަރާތުން ފައިސާ ލިބިގަތުމަށްވެސް ސްވައިޕް އެހީތެރިވެދޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު މިއީ ރާއްޖެ އަންނަ ފަތުރުވެރިންނަށްވެސް ރާއްޖޭގައި ފައިސާ ދެއްކުމަށް ފަސޭހަ ވޮލެޓަކަށް ވާނެއެވެ. ބީއެމްއެލްއިން 'ސްވައިޕް' އިފްތިތާޙު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އަދި އެބޭންކުން ވަނީ، މިއަހަރު " ސްވައިޕް"ގެ ޚިދުމަތް ދިނުމަށް ނިންމާފައެވެ.