Ads by Stelco

ޚަބަރު

އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 2000އަށް ވުރެ ގިނަ ކެންޑިޑެސީ ބަލައިގެންފި

އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 2000އަށް ވުރެ ގިނަ ކެންޑިޑެސީ ބަލައިގެންފި

އިލެކްޝަންސް ކޮމިޝަންގެ މައި ޕޯޓަލް / ފޮޓޯ: އީސީ

farudhun logo

ފަރުދުން

31 ޖެނުއަރީ 2026، 07:56

31 ޖެނުއަރީ 2026، 07:56

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 2،000އަށް ވުރެ ގިނަ ކެންޑިޑެސީ އިލެކްޝަން ކޮމިޝަން (އީސީ)އިން ބަލައިގެންފިއެވެ. 

އީސީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލިފަހުން ފާއިތުވި 14 ދުވަހުގެ ތެރޭގައި އެ ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށް 3،413 ފޯމު ވަނީ ހުށަހަޅާފައެވެ. އެއީ ލޯކަލް ކައުންސިލްތަކަށް ހުށަހެޅި 1،865 ފޯމާއި އަންހެނުންގެ ކޮމިޓީތަކަށް ހުށަހެޅި 1،548 ފޯމެވެ. 

މި ފޯމުތަކުގެ ތެރެއިން މިހާތަނަށް ކޮމިޝަނުން ބަލައިގެންފައިވަނީ ޖުމްލަ 2،888 ފޯމެވެ. އެއީ ކައުންސިލްތަކުގައި ވާދަކުރަން ފޯމު ހުށަހެޅި 1،556 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީތަކުގައި ވާދަކުރަން ހުށަހެޅި 1،332 ކެންޑިޑޭޓުންގެ ފޯމެވެ.

ޖެނުއަރީ 17ގައި ހުޅުވާލި މި ފުރުސަތުގައި އީސީއަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން ސިޔާސީ ޕާޓީތަކުން ކައުންސިލްތަކުގައި ވާދަކުރުމަށް 1،366 ފޯމު ހުށަހަޅާފައިވާއިރު އަމިއްލަގޮތުން ވާދަކުރަން ހުށަހަޅާފައިވަނީ 496 ފޯމެވެ. މީގެ ތެރެއިން 309 ކެންޑިޑެސީއެއް ގަބޫލުނުކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގައި ވާދަކުރަން ސިޔާސީ ޕާޓީތަކުން 1،216 ފޯމު ހުށަހަޅާފައިވާއިރު އަމިއްލަގޮތުން ވާދަކުރުމަށް 332 ފޯމު ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން 216 ކެންޑިޑެސީ ގަބޫލުނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކެންޑިޑެސީ ބަލިނުގަންނަ މައިގަނޑު ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކުށާއި ދަރަނީގެ ރެކޯޑު މުޅި އުމުރަށް ހުށަހަޅާފައިނުވުމާއި، ކުށެއް ނުވަތަ ދަރަންޏެއް އޮތްނަމަ އެކަމުގެ ތަފްސީލް ހުށަހަޅާފައިނުވުމާއި އަދި ކަރެކްޝަނަލް ސަރވިސްއިން ފުރިހަމަކޮށް، ހުށަހަޅަންޖެހޭ ކުށުގެ ރެކޯޑު ހުށަހަޅާފައިނުވުމުންނެވެ. 

އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި މުއްދަތު ފެބްރުއަރީ 1ވަނަ ދުވަހުގެ ހަވީރު 5:30އާ ހަމައަށް ހަމަވާއިރު، މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450