ޚަބަރު
އަންނަ ހަފްތާގައި ސަރުކާރުގެ އައިނު ފިހާރައެއް އައްޑޫގައި ހުޅުވަނީ
އެމްސީޖީއެޗް އޮޕްޓިކަލްސްގެ ފިހާރައެއް އައްޑޫގައި ހުޅުވުމަށް ތައްޔާރު ވަނީ / ފޮޓޯ: ޕީއެސްއެމް
ފަރުދުން
01 ފެބްރުއަރީ 2026، 12:17
01 ފެބްރުއަރީ 2026، 12:17
އަންނަ ހަފްތާގައި ސަރުކާރުގެ އައިނު ފިހާރައެއް އައްޑޫގައި ހުޅުވުމަށް ތައްޔާރުވެފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. މި އައިނު ފިހާރަ ވެގެންދާނީ ސަރުކާރުން އަތޮޅުތެރޭގައި ޤާއިމުކުރުމަށް ނިންމާފައިވާ އައިނު ފިހާރަތަކުގެ ތެރެއިން ފުރަތަމަ ފިހާރައަށެވެ.
ސަރުކާރުގެ ސިއްޙީ ޚިދުމަތުގެ ތެރެއިން އައިނު ހެއްދޭނެ ގޮތަށް ހަމަޖެއްސީ މިކަމަށް އާންމުންގެ އަތުން ބޮޑު ޚަރަދެއް ހިނގަމުން ދިއުމާ ގުޅިގެން އެކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ. އެގޮތުން އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން އަގުހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންވާ ވަޢުދުފުޅުގެ ދަށުން ފެށި ޚިދުމަތެކެވެ.
އައްޑޫ ސިޓީގައި އެމްސީޖީއެޗް އޮޕްޓިކަލްސް ޤާއިމްކޮށްފައި ވަނީ ހިތަދޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުގައި ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. އެގޮތުން ފިހާރައިގެ އައިނު ހަރުތަކާއި ލޯ ދެއްކުމަށް ޚާއްސަ ތަންވެސް އެއްކޮށް ވަނީ ނިންމާލާފައެވެ.
އައިޖީއެމްއެޗްއިން ހާމަކޮށްފައިވާ ގޮތުގައި، މި އައިނު ފިހާރައިން ފެބުރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ޚިދުމަތް ދޭން ފަށާނެއެވެ.
އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން މާލެއަށް ބަރޯސާނުވެ، ރަށުން ނުވަތަ ރަށާ ކައިރިން ޚިދުމަތްތައް ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިކަމަކީ ދަތުރުފަތުރުގެ ގޮތުންނާއި މާލީ ގޮތުން ވެސް ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.
އައްޑޫގެ އިތުރުން ކުޅުދުއްފުށީ ސިޓީގައިވެސް ސަރުކާރުން އައިނު ފިހާރައެއް ޤާއިންކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ފޯރުކޮށްދެމުންދާ ބައެއް ތަންތަނުން ހައްދާ ނަންބަރު އައިނުތަކަށް އާސަންދައިގެ ޚިދުމަތް ލިބޭނެގޮތް އާސަންދަ ކޮމްޕެނީ ލިމިޓެޑުން މިހާރު ވަނީ ހަދާފައެވެ. އެ ތަންތަނުގެ ތެރޭގައި މާލެ ސަރަހައްދުގެ ގިނަ އަދަދެއްގެ ކްލިނިކްތަކާއި އައިނު ފިހާރަތަކާއި، ހޮސްޕިޓަލްތައް ހިމެނޭގޮތަށް ޖުމްލަ 18 ތަނެއް ހިމެނެއެވެ.
މީގެ އިތުރުން ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރި ކަމެކެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.