ދުނިޔެ
އީޔޫގެ އަސްކަރިއްޔާތަކީ ޓެރަރިސްޓް ޖަމާއަތްތަކެއްގެ ގޮތުގައި އީރާނުން ކަނޑައަޅައިފި
އިރާންގެ ދިދަ
އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ވިލާތުގެ އިއްތިހާދު (އީޔޫ) އިން ކަނޑައެޅުމާ ގުޅިގެން، އީރާނުން އެކަމަށް ވަރުގަދަ ރައްދެއް ދީފިއެވެ. އީރާނުގެ އިސްވެރިން ވަނީ ބަދަލުހިފުމުގެ ގޮތުން އީޔޫގެ ގައުމުތަކުގެ އަސްކަރިއްޔާތަކީ ޓެރަރިސްޓް ޖަމާއަތްތަކެއްގެ ގޮތުގައި މިހާރު ބަލާނެ ކަމަށް އިއުލާނުކޮށްފައެވެ.
މި ނިންމުން ހާމަކުރެއްވީ އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޤާލިބާފް އެވެ. އޭނާ ވިދާޅުވީ އީޔޫއިން އައިއާރުޖީސީއާ މެދު ނިންމި ނިންމުމަކީ ބޭއިންސާފު އަދި ދުޝްމަންކަން އިސްކުރުމުގެ އަމަލެއް ކަމަށެވެ. އަދި އީޔޫއިން މި ފިޔަވަޅު އެޅީ އެމެރިކާގެ ނުފޫޒުގެ ދަށުން ކަމަށާއި، މީގެ ސަބަބުން ވިލާތުގެ އަމިއްލަ މަސްލަހަތުތަކަށް ގެއްލުންވާނެ ކަމަށްވެސް އޭނާ އިންޒާރު ދެއްވިއެވެ.
މިކަމާ ގުޅިގެން ބޭއްވި އީރާނުގެ މަޖިލީހުގެ ޖަލްސާގައި، އައިއާރުޖީސީއަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ބައެއް މެންބަރުން ވަނީ އެ ޖަމާއަތުގެ ޔުނީފޯމް ތުރުކުރައްވައިގެން ހާޒިރުވެފައެވެ.
ޤާލިބާފް އިތުރަށް ވިދާޅުވީ، އީރާނުގެ އައު ގާނޫނެއްގެ ދަށުން އީޔޫގެ ގައުމުތަކުގެ އަސްކަރިއްޔާތައް ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައެޅުމުން، އީރާނުގައި ތިބި އީޔޫގެ އަސްކަރީ އޮފިޝަލުންގެ ހާލަތު އަލުން މުރާޖައާ ކުރެވޭނެ ކަމަށެވެ. މީގެ ތެރޭގައި އެ ފަރާތްތަކަށް ގައުމުން ބޭރުވުމަށް އެންގުންވެސް ހިމެނިދާނެ ކަމަށް އޭނާ އިޝާރާތް ކުރެއްވިއެވެ.
އައިއާރުޖީސީއަކީ 1979 ވަނަ އަހަރުގެ އީރާނުގެ އިންގިލާބަށްފަހު، އެ ގައުމުގެ ލީޑަޝިޕް ހިމާޔަތްކުރުމަށް އުފެއްދި ވަރުގަދަ އަސްކަރީ މުއައްސަސާއެކެވެ. ފާއިތުވި އަހަރުތަކުގައި މި ޖަމާއަތުގެ ނުފޫޒު ވަނީ އީރާނުގެ އަސްކަރިއްޔާގެ އިތުރުން އެ ގައުމުގެ އިގްތިސާދުގެ ތެރޭގައިވެސް ވަރަށް ބޮޑަށް ފެތުރިފައެވެ.
އީޔޫއިން މި ފިޔަވަޅު އަޅަން ނިންމީ އީރާނުގެ އެތެރޭގައާއި އެ ސަރަހައްދުގައި އައިއާރުޖީސީން ހިންގާ ހަރަކާތްތަކާ މެދު ކަންބޮޑުވުން ފާޅުކުރުމަށްފަހުއެވެ. ނަމަވެސް، އީރާނުގެ މި ހަރުކަށި ރައްދާއެކު، ހުޅަނގުގެ ގައުމުތަކާއި އީރާނާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުންތަކަށް ކުރިއަށް އޮތް ތަނުގައި އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެ، ނުތަނަވަސްކަން ބޮޑުވެގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.