Ads by Stelco

ޚަބަރު

އެޗް.އާރު.ސީ.އެމް. ގެ ފުރަތަމަ ރައީސް ލިއުއްވި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާ ކުރައްވައިފި

އެޗް.އާރު.ސީ.އެމް. ގެ ފުރަތަމަ ރައީސް ލިއުއްވި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާ ކުރައްވައިފި

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ބައްދަލުކުރެއްވުމުގެ ތެރެއިން ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ފެބްރުއަރީ 2026، 03:17

01 ފެބްރުއަރީ 2026، 03:17

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް ލިބިވަޑައިގެންފައިވާ، އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސް އަޙްމަދު ސަލީމް ލިޔުއްވި "އެޗް.އާރު.ސީ.އެމް. ގެ ހަނދާންތައް" މި ފޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް ހަދިޔާ ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ބައްދަލުކުރެއްވުމެއްގައި، އަޙްމަދު ސަލީމް ވަނީ މި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ފޮތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވާފައެވެ.

"އެޗް.އާރު.ސީ.އެމް. ގެ ހަނދާންތައް" މި ފޮތަކީ ރާއްޖޭގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަން އުފެދިގެން އައި ގޮތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ތާރީޚީ މުހިންމު މަޢުލޫމާތުތަކެއް ހިމެނޭ ފޮތެކެވެ. މި ފޮތުގައި އަޙްމަދު ސަލީމް އެ ކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި ހޭދަކުރެއްވި 5 އަހަރުގެ ތަޖުރިބާތަކާއި، ދިވެހިރާއްޖެ ޑިމޮކްރަސީގެ ނިޒާމަށް ބަދަލުވެގެންދިޔަ ތާރީޚީ މުހިންމު ދަނޑިވަޅުގައި ހިނގާފައިވާ ކަންތައްތަކުގެ މައްޗަށް ތަފްޞީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައިވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދެވީ 2003 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ. އެ ކޮމިޝަނަށް އެންމެ ފުރަތަމަ ޢައްޔަންކުރެއްވި މެންބަރުންގެ ތެރޭގައިވެސް އަޙްމަދު ސަލީމް ހިމެނިވަޑައިގެންނެވިއެވެ. މީގެ އިތުރުން، 2008 ވަނަ އަހަރު ތަޞްދީޤުކުރެވުނު އާ ޤާނޫނުއަސާސީގެ ދަށުން މިނިވަން މުއައްސަސާއެއްގެ ގޮތުގައި އެކުލަވައިލެވުނު ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސަކީވެސް އަޙްމަދު ސަލީމެވެ.

މި ފޮތަކީ ދިވެހިރާއްޖޭގެ ދުސްތޫރީ އަދި ސިޔާސީ ތާރީޚަށް ޝައުޤުވެރިވާ ފަރާތްތަކަށާއި، ޚާއްޞަކޮށް ރާއްޖޭގައި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގެ މަސައްކަތް ފެށިގެން އައި ގޮތް ދެނެގަންނަން ބޭނުންވާ ފަރާތްތަކަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެ ފޮތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450