ދުނިޔެ

އިޒްރާއީލުން ޣައްޒާގެ ފޭލިގެތަކަކަށާއި ފުލުހުންގެ މަރުކަޒަކަށް ހަމަލާދީ 31 މީހަކު ޝަހީދުކޮށްލައިފި

އިޒްރާއީލުން ޣައްޒާގެ ފޭލިގެތަކަކަށާއި ފުލުހުންގެ މަރުކަޒަކަށް ހަމަލާދީ 31 މީހަކު ޝަހީދުކޮށްލައިފި

އިޒްރާއިލުން ޣައްޒާގެ ފޭލިގެތަކަކަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ފެބްރުއަރީ 2026، 03:40

01 ފެބްރުއަރީ 2026، 03:40

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެވަޑައިގެން ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް، އިޒްރާއީލު ސިފައިން ހޮނިހިރު ދުވަހު ޣައްޒާއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި މަދުވެގެން 31 ފަލަސްތީނު މީހުން ޝަހީދުކޮށްލައިފިއެވެ.

 ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި އިޒްރާއީލުގެ މި އާ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެ، ގިނަ ބަޔަކު ވަނީ ޒަހަމްވެފައެވެ.

ހޮސްޕިޓަލްތަކުން ލިބުނު މައުލޫމާތަށް ބަލާއިރު، ހޮނިހިރު ދުވަހުގެ ފަތިހުން ފެށިގެން ޣައްޒާ ސިޓީއާއި ހާން ޔޫނިސްގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 31 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރެއިން 24 މީހުންނަކީ ޣައްޒާ ސިޓީއާއި އުތުރުގެ ސަރަހައްދުތަކުން ޝަހީދުވި މީހުންނެވެ. އަލް-ޝިފާ ހޮސްޕިޓަލުން ބުނި ގޮތުގައި ޣައްޒާ ސިޓީގެ ޝެއިޚް ރަޟްވާން އަވަށުގައި ހުންނަ ފުލުހުންގެ މަރުކަޒަކަށް ދިން ހަމަލާއާ ގުޅިގެން ޝަހީދުވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

ޣައްޒާގެ ދާޚިލީ ވުޒާރާއިން ހާމަކުރި ގޮތުގައި ޝެއިޚް ރަޟްވާން ފުލުހުންގެ މަރުކަޒަށް ދިން ހަމަލާގައި ފަސް ފުލުހުން ޝަހީދުވެ، 15 މީހުން ޒަހަމްވެފައިވެއެވެ. މި ހަމަލާއަކީ އިޒްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އެއްވެސް އިހުތިރާމެއް ނުކުރާކަމުގެ ހެއްކެއް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. ހަމާސް ޖަމާއަތުން ބުނެފައިވަނީ އިޒްރާއީލުން ގަސްދުގައި އެއްބަސްވުމާ ހިލާފުވެ، އާ ގަތުލުއާންމުތަކެއް ހިންގަމުންދާ ކަމަށެވެ.

މީގެ އިތުރުން، ހާން ޔޫނިސްގެ ހުޅަނގުގައި އޮންނަ އަލް-މަވާސީ ސަރަހައްދުގެ "ޣައިޘް" ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއެއްގައި އެއް އާއިލާއެއްގެ ހަތް މީހުން ވަނީ ޝަހީދުވެފައެވެ. މި ހަމަލާގެ ސަބަބުން ކޭމްޕްގެ ފޭލިގެތަކުގައި ބޮޑު އަލިފާންގަނޑެއް ރޯވެ، ރެސްކިއު ޓީމުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. ޣައްޒާ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބަސަލް ވިދާޅުވީ ހޮނިހިރު ދުވަހުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށެވެ.

ޣައްޒާގެ ދާޚިލީ ވުޒާރާއިން ވަނީ މެދުވެރިންގެ ދައުރު އަދާކުރާ ފަރާތްތަކަށް އިޒްރާއީލުގެ މި އަމަލުތައް ހުއްޓުވުމަށް ބާރު އެޅުމަށް ގޮވާލާފައެވެ. އިޒްރާއީލުގެ ހަމަލާތައް އަމާޒުވަމުންދަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި، ރެފިއުޖީން ހިޔާވަހިކަން ހޯދަމުންދާ ފޭލިގެތަކަށް ކަމަށްވާއިރު، މިއީ އިންސާނީ ބޮޑު ކާރިސާއެއްގެ ގޮތުގައި މަސްއޫލުވެރިން ސިފަކުރައްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450