ދުނިޔެ
އިޒްރާއިލުން ރަފާ ބޯޑަރު ހުޅުވައިފި، ވަރުގަދަ ސަލާމަތީ ޝަރުތުތަކާއެކު ބޯޑަރު ހުރަސްކުރެވެނީ "ލިމިޓެޑް" ޢަދަދަކަށް
ރަފާ ބޯޑަރު ކައިރި
ޣައްޒާގައި އިޒްރާއީލުން ހިންގަމުންދާ ގަތުލުއާންމަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވަނިކޮށް، މިސްރާއި ޣައްޒާ ގުޅޭ ރަފަހް ބޯޑަރު އިޒްރާއީލުން ފިއްތުންތަކާ އެކު ހުޅުވާލައިފިއެވެ.
ނަމަވެސް މި ބޯޑަރު ހުޅުވާލާފައިވަނީ ވަރަށް ހަރުކަށި ސަލާމަތީ ފިޔަވަޅުތަކަކާއެކު، މަދު އަދަދެއްގެ ބަޔަކަށް ދަތުރުކުރެވޭ ގޮތަށެވެ.
އިޒްރާއީލުގެ އަސްކަރީ އިދާރާއެއް ކަމަށްވާ ކޯގަޓް (COGAT) އިން ބުނިގޮތުގައި، ޣައްޒާއަށް ވަނުމުގެ ހުއްދަ ދެވޭނީ ހަނގުރާމައިގެ ތެރޭގައި އެ ސަރަހައްދު ދޫކޮށް ދިޔަ މީހުންގެ ތެރެއިން އިޒްރާއީލުގެ ސަލާމަތީ ހުއްދަ ކުރިއާލައި ލިބިފައިވާ ފަލަސްތީނު މީހުންނަށް އެކަންޏެވެ. އަދި މިސްރުގެ އެދުމުގެ މަތިން ޣައްޒާއިން ބޭރަށް ދިއުމުގެ ހުއްދަ ދޭނީ ހަމައެކަނި ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުންގެ އިތުރުން އެމީހުންނާއެކު ދާ އެހީތެރިންނަށް އެކަންޏެވެ.
އިޒްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޯޑަރު ހުޅުވާލި ނަމަވެސް މިއަދު އެއްވެސް މީހަކު ބޯޑަރު ހުރަސްކުރާނެ ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ މިސްރާއި ޔޫރަޕިއަން ޔޫނިއަންގެ ވަފުދަކާ ގުޅިގެން "ސިސްޓަމް ޗެކްތަކެއް" ކުރިއަށްދާތީއެވެ. އިޒްރާއީލުން ވަނީ ބޯޑަރުގެ ޣައްޒާ ފަރާތުގައި އަސްކަރީ ޗެކްޕޮއިންޓެއް ވެސް ގާއިމުކޮށްފައެވެ.
އަލަށް އެކުލަވާލާފައިވާ އުސޫލުގެ ދަށުން، ދުވާލަކު ބޯޑަރުން ބޭރަށް ދެވޭނީ ގާތްގަނޑަކަށް 150 މީހުންނަށެވެ. އެމީހުން އުފުލާނީ ބަސްތަކުގައި ގްރޫޕްތަކަށް ބަހާލައިގެންނެވެ. އަދި ޣައްޒާއަށް އެތެރެވުމުގެ ހުއްދަ ދޭނީ ދުވާލަކު އެންމެ 50 މީހުންނަށެވެ. މިއީ ސިލްސިލާކޮށް ކުރިއަށްގެންދާ "ޕައިލެޓް" މަޝްރޫއެއްގެ ދަށުން ކުރެވޭ ކަމެއް ކަމަށް އިޒްރާއީލުން ބުނެއެވެ.
ފަލަސްތީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ވުޒާރާއިން ބުނިގޮތުގައި 6,000 އަށްވުރެ ގިނަ ޒަޚަމްވެފައިވާ މީހުންނަށް އަވަސް ފަރުވާ ބޭނުންވެފައިވާއިރު، މިހާރު ކަނޑައަޅާފައިވާ ލަސް ދުވެލީގައި އެމީހުން ބޭރަށް ފޮނުވަން އަހަރުތަކެއް ނަގާނެއެވެ. ޞިއްޙީ ވުޒާރާއިން އެދެނީ ދުވާލަކު މަދުވެގެން 500 ބަލިމީހުން ބޭރަށް ފޮނުވޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ.
ރަފާ ބޯޑަރަކީ ޣައްޒާގެ ރައްޔިތުން ބޭރު ދުނިޔެއާ ގުޅުވައިދޭ ހަމައެކަނި ދޮރާއްޓެވެ. މިއަހަރުގެ މޭ މަހު އިޒްރާއީލު ސިފައިން ބޯޑަރުގެ ފަލަސްތީނު ފަރާތް ހިފައި، އެތަނުގެ އިމާރާތްތައް ސުންނާފަތިކުރުމާ ގުޅިގެން އިންސާނީ ބޮޑު ކާރިސާއެއް ވަނީ ކުރިމަތިވެފައެވެ. މިއަދު ބޯޑަރު މި ހުޅުވާލީ ސިޔާސީ ނިންމުމެއްގެ ދަށުން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އިސްރާއީލުން ބުނެއެވެ.