ޚަބަރު
ފަންނުވެރިޔާ ގުމޭރިއާ އަމިއްލައަށް ވިޔެފައިވާ ދިވެހި ފޭއްޔެއް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފަންނުވެރިޔާ ގުމޭރިއާއާ ބައްދަލުކުރެއްވުން ފޮޓޯ:ރައީސް އޮފީސް
އަތްތެރިމަސައްކަތުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަންނުވެރިއެއް ކަމަށްވާ އާމިނަތު ގުމޭރިއާ، އޭނާ އަމިއްލަ އަތުން ވިޔެ ތައްޔާރުކޮށްފައިވާ ހާއްސަ ދިވެހި ފޭއްޔެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ހަދިޔާކުރައްވައިފިއެވެ.
މި ފޭލި ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ބައްދަލުކުރެއްވުމެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި ގުމޭރިއާ ވަނީ ދިވެހި ފޭލި ވިޔުމަށް އޭނާގެ ހިތުގައި ޝައުގުވެރިކަން އުފެދިގެން އައި ގޮތުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން އިހު ޒަމާނުގައި ދިވެހި ކާބަފައިން ދިވެހި ފޭލި ވިޔެ އުޅުނުގޮތުގެ އާޖުފާޖު ދަސްކުރައްވައި، އުވެމުންދާ މި ފަންނުވެރި މަސައްކަތް އާލާކުރެއްވުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްސީލުތައް އެމަނިކުފާނަށް އަރުވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ދިވެހިންގެ ޒަމާންވީ އެކިއެކި މަސައްކަތްތަކާއި އާދަކާދަތައް ކުރިއަރުވައި އާލާކުރުމަށް އެކި ފަރާތްތަކުން ކުރައްވާ މަސައްކަތްތަކަށް ސަރުކާރުން އަބަދުވެސް އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ދިވެހި ފޭލި ވިޔުމުގެ މި ހާއްސަ ފަންނު އާލާކުރުމަށް ގުމޭރިއާ ކުރައްވަމުން ގެންދަވާ އިހުލާސްތެރި މަސައްކަތް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާއަށް ހިތްވަރު ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި، ގުމޭރިޔާ މިއަދު ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރެއްވި ދިވެހި ފޭއްޔަކީ 1932 ވަނަ އަހަރު ދިވެހިރާއްޖޭގައި ދިވެހީންގެ އާންމު ހެދުމެއްގެ ގޮތުގައި ބޭނުންކުރަމުން އައި ފޭއްޔާ އެއްގޮތަށް، އެ ފަރުމާއަށް ތައްޔާރުކޮށްފައިވާ ފޭއްޔެކެވެ.