ދުނިޔެ
އީރާނުގެ ބަދަލުގައި އިންޑިއާއިން ދެން ތެޔޮ ގަންނާނީ ވެނެޒުއޭލާއިން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އީރާނުގެ ބަދަލުގައި އިންޑިއާއިން ދެން ތެޔޮ ގަންނާނީ ވެނެޒުއޭލާއިން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އިންޑިއާއިން ވެނެޒުއޭލާގެ ތެޔޮ ގަތުމަށް މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، މިއީ އީރާނުން ތެޔޮ ގަތުމުގެ ބަދަލުގައި ނިންމި ނިންމުމެއް ކަމަށެވެ.
އެއާފޯސް ވަންގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އިންޑިއާއިން މިހާރު މިވަނީ މިކަމުގެ ތެރެއަށް ވަދެފައި. އެމީހުން ދެން ތެޔޮ ގަންނާނީ ވެނެޒުއޭލާއިން، އީރާނަކުން ނޫން. އަހަރެމެން މިހާރު ވާނީ އެ އެއްބަސްވުމުގެ ކޮންސެޕްޓް އެކުލަވާލާފައި،" ކަމަށެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އިންޑިއާއިން އީރާނުން ތެޔޮ ގަތުން ވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ. ނަމަވެސް، ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިޔާގެ ތެލުގެ އަގު ހެޔޮވުމުން، އިންޑިއާއިން ވަނީ ރަޝިޔާއިން ގިނަ އަދަދަކަށް ތެޔޮ ގަންނަން ފަށާފައެވެ.
ރަޝިޔާއިން ތެޔޮ ގަތުން ހުއްޓުވުމަށްޓަކައި އެމެރިކާއިން ވަނީ މީގެ ކުރިން އިންޑިއާއަށް ފިއްތުންތައް ކުރިމަތިކޮށްފައެވެ. އެގޮތުން، މިދިޔަ އޮގަސްޓް މަހު ޓްރަމްޕް ވަނީ އިންޑިއާއިން އެމެރިކާއަށް އެކްސްޕޯޓްކުރާ މުދަލުން ނަގާ ޓެރިފް 50 އިންސައްތައަށް ބޮޑުކޮށްފައެވެ. ނަމަވެސް، އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުން މަދުކުރުމާ ގުޅިގެން، އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ މި ޓެރިފްގެ ތެރެއިން 25 އިންސައްތަ އުނިކޮށްދޭނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.
ވެނެޒުއޭލާގެ ތެލުގެ ސިނާއަތަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް އެމެރިކާ ސަރުކާރުން މިހާރު ވަނީ ލުއިކޮށްދީފައެވެ. މިއީ އެމެރިކާގެ ކުންފުނިތަކަށް ވެނެޒުއޭލާގެ ތެޔޮ ވިއްކުމަށް މަގުފަހިކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ. ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ނިންމުމުގެ ސަބަބުން ވެނެޒުއޭލާގައި މިހާރު ހުރި ތެޔޮ ބޭރުކުރުމަށް ފަސޭހަވެގެންދާނެއެވެ.
ޓްރަމްޕްގެ މި ވާހަކަތަކުން ދޭހަވަނީ ފާއިތުވި އަހަރު ތެރޭގައި އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް ނުތަނަވަސްކަން ކުޑަވެ، ގުޅުން ރަނގަޅުވަމުން އަންނަ ކަމެވެ. މީގެ އިތުރުން، ޗައިނާއިން ވެސް ވެނެޒުއޭލާގެ ތެޔޮ ގަތުމަށް އެމެރިކާއާއެކު އެއްބަސްވުމެއް އެކުލަވާލުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.