ޚަބަރު
ސަރުކާރުގެ ރޯދަހަދިޔާ: މިހާތަނަށް 26،000 އަށް ވުރެ ގިނަ މަސްކޭސް ހަވާލުކޮށްފި
ރޯދަހަދިޔާ މަސްދަޅު ކޭސް ބެހުން
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ގޭބިސީތަކަށް ބަހަމުންދާ މަސްދަޅު ކޭސްތަކުގެ ތެރެއިން މިހާތަނަށް 26,000 އަށްވުރެ ގިނަ ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ރޭގެ ނިޔަލަށް މާލެ ސަރަޙައްދުން އެކަނިވެސް ޖުމްލަ 26,739 މަސްދަޅު ކޭސް ވަނީ އާންމުންނާ ހަވާލުކޮށްފައެވެ. މާލެ ސަރަޙައްދުގައި މި ތަކެތި ބަހަން ފަށާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ބެލުމުގެ ދަށުން، ކައުންސިލްތަކާއި، އެމްއެންޑީއެފް އަދި އެކި އިދާރާތައް ގުޅިގެންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިފްކޯއިން އުފައްދާފައިވާ މި މަސްދަޅު ކޭސްތައް އަތޮޅުތަކަށް ފޮނުވަން ފަށާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އަދި މިހާރު އުތުރުގެ ބައެއް ރަށްތަކުގައި މަސްދަޅު ކޭސް ބަހައި މުޅިން ނިންމާލާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ ކޮންމެ ރެއަކު 20:30 އިން 23:00 އަށެވެ. މި ތަކެތި ދޫކުރަނީ ކޮންމެ ކަރަންޓް މީޓަރަކަށް ކޭހެއްގެ މަގުންނެވެ. ތަކެތި ހޯދުމަށް ޕޯޓަލް މެދުވެރިކޮށް ޓޯކަން ނެގުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ކޮންމެ ރެއަކު 300 ޓޯކަންއަށް ތަކެތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގައި މިހާރު ކަނޑައަޅާފައިވާ ތަންތަނުން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހަދިޔާ ދޫކުރަމުން ގެންދާނެއެވެ.
ރަމަޟާންމަހުގެ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާ ކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މިއީ ރަމަޟާން މަހުގެ މުނާސަބަތުގައި ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.