ވިޔަފާރި / ޚަބަރު
އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ފަލަސްތީނުގެ ޝާޑީ ގަވަސްމީ އައްޔަންކޮށްފި
ޝާޑީ ގަވަސްމީ ފޮޓޯ: އުރީދޫ
އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ (ސީ.އީ.އޯ) މަޤާމަށް ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޝާޑީ ގަވަސްމީ އައްޔަންކޮށްފިއެވެ. އުރީދޫން ހާމަކޮށްފައިވާ ގޮތުގައި، ގަވަސްމީ މި މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ މިއަދުން ފެށިގެންނެވެ.
އައު އެމް.ޑީ ޝާޑީ ގަވަސްމީއަކީ ޓެލެކޮމިއުނިކޭޝަން، ސްޓްރެޓެޖީ އަދި ބްރޭންޑް މެނޭޖްމަންޓްގެ ދާއިރާއިން 10 އަހަރަށްވުރެ ގިނަ ދުވަހުގެ ލީޑަޝިޕް ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އޭނާ އުރީދޫ ގްރޫޕާ ގުޅިވަޑައިގަތީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން އުރީދޫ ފަލަސްތީނުގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމާއި، ސޭލްސް ޑިރެކްޓަރުގެ މަގާމުގެ އިތުރުން ހެޑް އޮފް ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސް ފަދަ އިސް މަގާމުތައް ފުރުއްވާފައިވެއެވެ. މި މުއްދަތުގެ ތެރޭގައި އެ ކުންފުނީގެ މާކެޓް ފުޅާކުރުމަށާއި އައު ޓެކްނޮލޮޖީތައް ތަޢާރަފުކުރުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
ތައުލީމީ ގޮތުން ބަލާއިރު، ގަވަސްމީ ވަނީ ފަރަންސޭސިވިލާތުގެ އީޑީއެޗްއީސީ ބިޒްނަސް ސްކޫލުން މާކެޓިންގ މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި އެމެރިކާގެ ބްރިގަމް ޔަންގް ޔުނިވަރސިޓީން މާކެޓިންގ ކޮމިއުނިކޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައިވެއެވެ. އުރީދޫއާ ގުޅިވަޑައިގަތުމުގެ ކުރިން އޭނާ ވަނީ މެނޭޖްމަންޓް ކޮންސަލްޓިންގ އާއި ބިޒްނަސް ޑިވެލޮޕްމަންޓްގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައެވެ.
މި ބަދަލާއެކު، އުރީދޫ މޯލްޑިވްސްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޚާލިދު ޙަސަން އަލް ޙަމާދީ ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ. ޚާލިދުގެ ޒައާމަތުގައި ރާއްޖޭގެ 80 އިންސައްތައަށް 5ޖީގެ ޚިދުމަތް ފުޅާކުރުމާއި، "ޕީސް" ސަބްމެރިން ކޭބަލް ގާއިމުކުރުމުގެ އިތުރުން، އުރީދޫގެ އައު އޮފީސް އިމާރާތް ހުޅުވުން ފަދަ ބޮޑެތި ކާމިޔާބީތައް ވަނީ ހާސިލްކޮށްފައެވެ.
އުރީދޫ މޯލްޑިވްސްއިން ވަނީ އައު މެނޭޖިންގ ޑިރެކްޓަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ގަވަސްމީގެ ލީޑަރޝިޕްގެ ދަށުން ކުންފުނި އިތުރު އުސްމިންތަކަކަށް ވާޞިލުވެ، ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލު ބައްޓަންކުރުމުގައި މުހިންމު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.