Ads by Stelco

ޚަބަރު

އެޕާޓްމެންޓް ހަވާލުކޮށް ގެއްލުމުގެ ބަދަލުގެގޮތުގައި 1.9 މިލިއަން ރުފިޔާ މީހަކަށް ދިނުމަށް ހަންބޯ ކުންފުނީގެ މައްޗަށް ހުކުމްކޮށްފި

އެޕާޓްމެންޓް ހަވާލުކޮށް ގެއްލުމުގެ ބަދަލުގެގޮތުގައި 1.9 މިލިއަން ރުފިޔާ މީހަކަށް ދިނުމަށް ހަންބޯ ކުންފުނީގެ މައްޗަށް ހުކުމްކޮށްފި

ކޭ ޕާކް ރެޒިޑެންސް އެޕާޓްމެންޓްސް. ފޮޓޯ: އެޓޯލްްސް ޓައިމްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ފެބްރުއަރީ 2026، 08:42

01 ފެބްރުއަރީ 2026، 08:42

ހުލާސާ


ހުޅުމާލޭގައި ތަރައްގީކުރާ ކޭ-ޕާކް ރެސިޑެންސްއިން އެޕާޓްމަންޓް ގަތް މީހަކަށް، އެޕާޓްމަންޓް ހަވާލުކުރުމަށާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދެއްކުމަށް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ކޭ-ޕާކުން އެޕާޓްމަންޓެއް ގަތުމަށް 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމެއްގެ ދަށުން 4.1 މިލިއަން ރުފިޔާ ދެއްކުމުންވެސް އެޕާޓްމަންޓް ލިބިފައިނުވާތީ ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި ދައުވާކުރި ފަރާތުން ކޯޓުގައި އެދިފައިވަނީ، އޭނާ ގަތް އެޕާޓްމަންޓް ނިންމުމަށްފަހު ހަވާލުކުރުމަށާއި، އެކަން ކުރެވެން ނެތްނަމަ ދެއްކި 4.1 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށެވެ. މީގެ އިތުރުން، އެޕާޓްމަންޓް ހަވާލުނުކޮށް ލަސްވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، 2019 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެޕާޓްމަންޓް ހަވާލުކުރާ ދުވަހާ ހަމައަށް މަހަކު 25,000 ރުފިޔާ ނަގައިދިނުމަށްވެސް އެދިފައިވެއެވެ.

ސިވިލް ކޯޓުގެ ގާޒީ އަހްމަދު އަބްދުއްރަހީމް މި ހުކުމް ކުރެއްވީ ހަންބޯ ކުންފުނީގެ ޣައިރު ހާޒިރުގައެވެ. އެއީ މިދިޔަ ޑިސެމްބަރު މަހު ދައުވާ ފޯމާއި ލިޔެކިޔުންތައް ހަވާލުކުރުމުންވެސް އެ ކުންފުނިން އެއްވެސް ރައްދެއް ދީފައި ނުވާތީއެވެ. ކޯޓުގެ ހުކުމުގައި ބުނެފައިވަނީ މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން އެޕާޓްމަންޓް ނިންމައި ހަވާލުކުރަންޖެހޭނެ ކަމަށެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި މިހާތަނަށް އަރާފައިވާ 1.9 މިލިއަން ރުފިޔާ، އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ސިވިލް ކޯޓަށް ދެއްކުމަށް ހަންބޯ ކުންފުންޏަށް ވަނީ އަމުރުކޮށްފައެވެ. އަދި އެޕާޓްމަންޓް ހަވާލުކުރެވެންދެން، ކޮންމެ މަހަކު ގެއްލުމުގެ ބަދަލުގެ ގޮތުގައި 25,000 ރުފިޔާ ދައްކަމުން ދާންވެސް ހުކުމުގައިވެއެވެ.

ކޭ-ޕާކްގެ ހިޔާނާތުގެ މައްސަލައަކީ، ހަންބޯ ކުންފުނީގެ މައި ހިއްސާދާރު ޗައިނާގެ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން، ހަސަން މަމްދޫހް (މަންޑޭ) އާއި އިތުރު ބަޔަކު ބައިވެރިވެގެން ހިންގާފައިވާ ބޮޑު ހިޔާނާތެކެވެ. މިއީ އޮޅުވާލައިގެން އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކައިގެން ފައިސާ ލޯންޑާކޮށްފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި ހިމެނޭ ހަސަން މަމްދޫހްގެ މައްޗަށް ކުރެވުނު 94 ދައުވާއެއް ސާބިތުވެ، އޭނާ 397 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހު ވަނީ ހުކުމްކޮށްފައެވެ. ސިވިލް ކޯޓުން މިހާރު އަންނަނީ މި މައްސަލައިގައި ފައިސާ ގެއްލުނު އާންމު ފަރާތްތަކަށް ބަދަލު ނަގައިދިނުމުގެ މައްސަލަތައް ނިންމަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450