Ads by Stelco

ޚަބަރު

މިއަހަރު ރާއްޖެއަށް 69 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް އިންޑިއާ އިން ނިންމައިފި

މިއަހަރު ރާއްޖެއަށް 69 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް އިންޑިއާ އިން ނިންމައިފި

ރައީސް މުޢިއްޒު އަދި އިންޑިއާގެ ބޮޑު ވަޒީރު މޯދީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ފެބްރުއަރީ 2026، 10:08

01 ފެބްރުއަރީ 2026، 10:08

އިންޑިއާ ސަރުކާރުން ބޭރު ގައުމުތަކަށް ދޭ ހިލޭ އެހީގެ ދަށުން، މި އަހަރު ރާއްޖެއަށް 69.3 މިލިއަން އެމެރިކާ ޑޮލަރު (އެއް ބިލިއަން ރުފިޔާ) ދިނުމަށް އެ ގައުމުގެ ބަޖެޓުގައި ހިމަނައިފިއެވެ.

އިންޑިއާގެ 2025-2026 ވަނަ އަހަރަށް އެކުލަވައިލާ ބަޖެޓުގެ ބަހުސް އެ ގައުމުގެ މަޖިލީހުގައި މިހާރު ކުރިއަށްދާއިރު، ރާއްޖެއަށް ކަނޑައަޅާފައިވާ އެހީގެ އަދަދަކީ ނިމިގެންދާ މާލީ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

2024-2025 ވަނަ އަހަރުގެ ބަޖެޓުގައި ރާއްޖެއަށް ދޭން ނިންމީ 54.2 މިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް މި އަހަރުގެ ބަޖެޓުގައި މި އަދަދު ވަނީ 69 މިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ. އިންޑިއާގެ މާލީ އަހަރު ގުނަނީ ކޮންމެ އަހަރެއްގެ އެޕްރީލް މަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށެވެ. މި ފަހަރުގެ ބަޖެޓުގައި އިންޑިއާއިން އެންމެ ގިނަ ހިލޭ އެހީ ދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެނީ ތިންވަނަ އަށެވެ.

އެންމެ ގިނަ އެހީ ކަނޑައަޅާފައި ވަނީ ބޫޓާނަށެވެ. ދެވަނައަށް އެންމެ ގިނަ އެހީ ނޭޕާލަށް (87 މިލިއަން ޑޮލަރު) ކަނޑައަޅާފައިވާއިރު، ރާއްޖެއާ އެއްވަރަށް މޮރިޝަސްއަށް ވެސް ވަނީ 69 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފައެވެ. މިދިޔަ އަހަރާ ހިލާފަށް ބަންގްލަދޭޝްއަށް ކަނޑައެޅި ބަޖެޓު ވަނީ ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްފައެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީގެ ދަށުން ގައުމުތަކަށް އެހީގެ ގޮތުގައި ދިނުމަށް ޖުމްލަ 25 ބިލިއަން ޑޮލަރުގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.

އިންޑިއާގެ ބަޖެޓުގައި ރާއްޖެއަށް މިހާ ބޮޑު އެހީއެއް ކަނޑައެޅުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދޭ އަހައްމިއްޔަތު ހާމަވެގެންދާ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު ރާއްޖެ އާއި އިންޑިއާ އޮންނަ ޒަމާންވީ ގުޅުމަށް ކުޑަ ހީނަރުކަމެއް އައި ނަމަވެސް މިހާރު ދެގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ.

ފާއިތުވީ ދެ އަހަރުތެރޭ ރައީސް ޑރ. މުއިއްޒު ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ރަސްމީ ދަތުރުފުޅުތައް ކުރައްވާފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ރާއްޖެއަށް ވަޑައިގެންފައެވެ. މި އެހީއާއެކު ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450