ޚަބަރު
މިހާތަނަށް 5000 އަށްވުރެގިނަ ބިދޭސީން ޑީޕޯޓުކޮށްފިން: ވަޒީރު އިޙްސާން
ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން. ފޮޓޯ: ރައީސް އޮފީސް
މިހާތަނަށް ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ 5000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްލައިފައިވާ ކަމަށް ދާޚިލީ ސަލާމަތަާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙްސާން މިހެން ވިދާޅުވެފައިވަނީ “ހަފްތާ52” ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
“ހަފްތާ52” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވަނީ މިސަރުކާރުން ބިދޭސީންގެ މައްސަަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވައިލައްވައިފައެވެ.
އެގޮތުން ދާޚިލީ ވަޒީރު އިޙްސާން ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފެށި މަސައްކަތުގެ ތެރެއިން މިހާތަނަށް ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 5000އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްލައިފައިވާ ކަމަށެވެ.
މީގެއިތުރުން ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން ކުރި މަސައްކަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު އިހުސާން ވިދާޅުވީ، ކުށްތަކަށް އަރައިގަންނަމުން އައި ބިދޭސީން ހައްޔަރުކޮށް، 48 ގަޑިއިރު ތެރޭ ރާއްޖެއިން ފޮނުވާލެވޭނެ ނިޒާމެއް މިހާރު
ގާއިމުކޮށްފައިވާކަމަށެވެ.
”އަޅުގަނޑުމެންވާނީ ރާއްޖޭގައި ކުދި ވިޔަފާރިތަކަށް ހުރަސްތަކެއް އަޅަމުންދިޔަ ބިދޭސީންގެ ވިޔަފާރިތައް ހުއްޓުވާ އެފަދަ ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީން 48 ގަޑިއިރުގެ ތެރޭގައި ފުރުވާލުމުގެ އިންތިޒާމުވާނީ ހަމަޖައްސާފައި،” ދާޚިލީ ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މުޅި ރާއްޖޭގައި 138 ރަށުގައި މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވަޒީރު އިޙްސާން ވިދާޅުވި އެވެ.
މިހާތަނަށް 10،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށާއި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އަންނަ އަހަރުގެ އޭޕްރީލްގެ ނިޔަލަށް ނަގައި ނިންމޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.