Ads by Stelco

ޚަބަރު

ޕާކިސްތާނުގެ ބަލޯޗިސްތާނަށް ދިން ނިރުބަވެރި ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޕާކިސްތާނުގެ ބަލޯޗިސްތާނަށް ދިން ނިރުބަވެރި ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ހަމަލާގެ އަސަރު/ފޮޓޯ: އަލް މޮނިޓަރ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 ފެބްރުއަރީ 2026، 12:21

02 ފެބްރުއަރީ 2026، 12:21

ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ބަލޯޗިސްތާނަށް ދިން ނިރުބަވެރި ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ޕާކިސްތާނުގެ ހުޅަނގު ދެކުނުގައިވާ ބަލޯޗިސްތާނު ޕްރޮވިންސްގައި އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ހިންގި ޚާއްޞަ އޮޕަރޭޝަންތަކެއްގައި މަދުވެގެން 41 ހަނގުރާމަވެރިން މަރާލާފައިވާކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާއިރު، މި ހަނގުރާމަވެރިންނަކީ އަވަށްޓެރި އިންޑިއާގެ އެހީތެރިކަން ލިބިގެން ހަރަކާތްތެރިވާ ބައެއް ކަމަށް ޕާކިސްތާނު އަސްކަރިއްޔާއިން ވަނީ ތުހުމަތުކޮށްފައެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ނިރުބަވެރި ކޮންމެ ޢަމަލަކީ ވެސް އިންސާނިއްޔަތާ ޚިލާފު، ދަށުދަރަޖައިގެ ޢަމަލެއް ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް ކޮންމެ ސިފައެއްގައި ހިންގާ އެފަދަ ޢަމަލުތަކާއި ހަރުކަށި ފިކުރުގެ ޢަމަލުތަކާއި ދެކޮޅު ހަދާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ. ހަމަ އެހެންމެ، މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނާ އެކު ކަމަށް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މި އޮޕަރޭޝަންގެ ތެރެއިން ފުރަތަމަ ރެއިޑުގައި ބަލޫޗިސްތާނުގެ ހަރްނާއީ ޑިސްޓްރިކްޓްގެ ބޭރުން 30 ހަނގުރާމަވެރިން މަރާލާފައިވާކަމަށް ޕާކިސްތާނުގެ ޑޯން ނޫހުން ރިޕޯޓްކޮށްފައިވާއިރު، މި ހަނގުރާމަވެރިންނަކީ ޕާކިސްތާނުގައި މަނާކޮށްފައިވާ ތާލިބާން (ޓީޓީޕީ) އާ ގުޅުން އޮންނަ 'ފިތުނަ އަލް-ޚަވާރިޖް' ގްރޫޕަށް ނިސްބަތްވާ ބައެއް ކަމަށް އަސްކަރިއްޔާއިން ބުނެއެވެ. މީގެ އިތުރުން، ޕަންޖްގޫރް ޑިސްޓްރިކްޓްގައި 'ފިތުނަ އަލް-ހިންދުސްތާން' އަށް ނިސްބަތްވާ 11 ހަނގުރާމަވެރިން މަރާލާފައިވާއިރު، މި ހަނގުރާމަވެރިންގެ އަތުން ގިނަ ޢަދަދެއްގެ ހަތިޔާރާއި، މިދިޔަ ޑިސެމްބަރު މަހު ބޭންކަކުން ފޭރިގަތް ކަމަށް ބެލެވޭ ފައިސާތަކެއް ވެސް ވަނީ ފެނިފައެވެ.

މި ހަމަލާތަކުގެ ޒިންމާ ބަލޯޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިން އުފުލާފައިވާއިރު، މި ޙަމަލާތަކުގައި މަރުވި މީހުންގެ ޢާއިލާތަކަށް ދިވެހި ސަރުކާރުން ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450