ޚަބަރު
މިދިޔަ މަހު ޢާއިލާއާ ބެހޭ ވުޒާރާއަށް އެންމެ ގިނައިން ހުށަހެޅީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް
ކުޑަކުދިންގެ ހަރަކާތެއްގެ ތެރެއިން / ފައިލް ފޮތޯ: ޔުނިސެފް މޯލްޑިވްސް
މިދިޔަ މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް އެންމެ ގިނައިން ހުށަހެޅީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައްކަމަށް، އެ ވުޒާރާއިން ހާމަކޮށްފިއެވެ.
ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ޚިއްޞާކުރި ތަފާސްހިސާބަށް ބަލާއިރު، މިދިޔަ މަހު އެ ވުޒާރާއަށް ހުށަހެޅި 224 މައްސަލައިގެ ތެރެއިން 38 އިންސައްތަ މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 85 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
މި މައްސަލަތަކަށް އިތުރަށް ބަލާލާއިރު، މީގެ ތެރެއިން 25 މައްސަލައަކީ އިޙުމާލުގެ މައްސަލަތަކެވެ. ދެވަނަ އެންމެ ގިނައީ ޖިސްމާނީ ހާނީއްކައިގެ މައްސަލައެވެ. މި ބާވަތުގެ 15 މައްސަލައެއް ހުށަހަޅާފައިވާއިރު، ޖިންސީ އަނިޔާގެ 14 މައްސަލައެއް ވެސް ހުށަހަޅާފައި ވެއެވެ.
ޑިސެންބަރު 2025ގައި ހުށަހަޅާފައިވާ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކާއި އެ މައްސަލަތަކުގެ އަދަދުތައް:
- އިހުމާލުގެ މައްސަލަ – 25
- ޖިސްމާނީ އަނިޔާގެ މައްސަލަ - 15
- ޖިންސީ އަނިޔާގެ މައްސަލަ – 14
- ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަ – 11
- ނަފްސާނީ ހާނިއްކައިގެ މައްސަލަ – 6
- އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ މައްސަލަ – 3
- އެހެން ކުދިންގެ ފަތާރުން ގަނާ ލިބުމުގެ މައްސަލަ – 3
- ބްލެކްމެއިލްގެ މައްސަލަ – 2
- ކުޑަކުދިންނަށް ޖިންސީ "ގްރޫމިންގް" ކުރުމުގެ މައްސަލަ – 2
- ފުރައްސާރައިގެ މައްސަލަ – 2
- ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަ – 1
- ކުދިން ދޫކޮށްލާފައި ދިއުމުގެ މައްސަލަ – 1
މައްސަލަތައް ހުށަހެޅުނު ޖިންސަށް ބަލާއިރު، މީގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންގެ 40 މައްސަލައަކާއި ފިރިހެން ކުދިންގެ 44 މައްސަލައަކާއި އަދި ކޮންޖިންސެއްކަން ނޭނގޭ ގޮތަށް ހުށަހަޅާފައިވާ 01 މައްސަލައެވެ.
މީގެ އިތުރުން މިދިޔަ މަހު އެ ވުޒާރާއަށް ވަނީ ކުޑަކުދިންގެ އަޚުލާޤާ ގުޅުންހުރި 13 މައްސަލަ އާއި ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި 1 މައްސަލަ އާއި ޢާއިލީ 50 މައްސަލަ އާއި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ 53 މައްސަލަ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިވުމާ ގުޅުންހުރި 19 މައްސަލަ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅުންހުރި 3 މައްސަލައެއް ހުށަހަޅާފައެވެ.